ދިޝާ ޕަތާނީއަކީ ބޮލީވުޑްގައި އަރަމުން އަންނަ ތަރިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ތަރި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެހެން ނަމަވެސް އެކްޓް ކުރުމަކީ ދުވަހަކު ވެސް އޭނާ ކުރަން ބޭނުންވި ނުވަތަ ހުވަފެނުން ވެސް ދުށް ކަމެއް ނޫން ކަމަށް ދިޝާ ވަނީ ބުނެފަ އެވެ.

ބާޒާރު އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ދިޝާ ބުނީ އޭނާ އެންމެ ކުޑައިރުއްސުރެ ވެސް ބޭނުންވީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޕައިލެޓަކަށް ވާން ކަމަށެވެ.

އެ ހުވަފެން ދޫކޮށްލާ ފިލްމީ ދާއިރާއަށް ވަދެވުނު ގޮތާއި އެދާއިރާއިން ކުރިއަށް ދާން ފެށި ގޮތް ވެސް ދިޝާ ވަނީ އެ އިންޓަވިއުގައި ކިޔައިދީފަ އެވެ.

އެގޮތުން 2013 ވަނަ އަހަރު ރައްޓެއްސަކު ބުނެގެން އޭނާ މޮޑެލިން ކޮންޓެސްޓެއްގައި ބައިވެރިވި ކަމަށާއި އެހިސާބުން އެޑްވަޓައިޒިން އެޖެންސީއަކުން އޭނާ ސޮއި ކުރުވަން ބޭނުންވި ކަމަށް ދިޝާ ބުންޏެވެ.

މަސައްކަތުގައި އުޅެމުން އިންޖނިއަރިން ކޮލެޖުގެ ކަންކަން ކުރަން ވަގުތު ނުދެވޭތީ އެކަން ދޫކޮށްލައި " ފުލްޓައިމް" މޮޑެލިން އަށް ހުސްވީ ކަމުގައި ދިޝާ ބުނެފައިވެ އެވެ.

އެމް އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީއިން ބޮލީވުޑަށް ތައާރަފްވި ދިޝާ ވަނީ ބާޣީ 2، ބާރަތު، މަލަންގް އަދި އެކް ވިލަން ރިޓާންސްގައި ވެސް މޮޅު އެކްޓިންއެއް ދައްކައިދީފަ އެވެ.