ތްރެޑްސް ލޯންޗްކުރި ދުވަހުވެސް 100 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ. ތްރެޑްސްއަށް އެންމެ ދުވަހަކުން 30 މިލިއަނަށްވުރެ ގިނަ ޑައުންލޯޑް ވަނީ ލިބިފައި.

މެޓައިން އަލަށް ލޯންޗުކުރި ތްރެޑްސް އެޕްލިކޭޝަން އަކީ ކޮޕީއެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްވިޓާއިން ދީފި އެވެ.

ފޭސްބުކްގެ މައި ކުންފުނި "މެޓަ" އިން ލޯންޗުކުރި "ތްރެޑްސް" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެންމެ ދުވަހަކުން 30 މިލިއަނަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ވަނީ ޑައުންލޯޑްކޮށްފަ އެވެ.

ޓްވިޓާގެ ވެރިޔާ އީލޮން މަސްކްގެ ގާނޫނީ ވަކީލް އެލެކްސް ސްޕައިރޯ ވަނީ ތްރެޑްސް އުފެއްދުމުގައި މީގެ ކުރިން ޓްވިޓާގައި މަސައްކަތް ކުރި މީހުން ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ.

މިތުހުމަތުތަކާއި ގުޅިގެން މަސްކުގެ ޓްވީޓެއްގައި ބުނެފައިވަނީ ވާދަވެރިކަމަކީ މައްސަލައެއް ނޫން ކަމަށާއި އެހެން ނަމަވެސް އޮޅުވައިލުމަކީ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ޓްވިޓާއިން ވަނީ މިހާރު މެޓާގެ ސީއީއޯ މާކް ޒަކަބާއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. އެސިޓީގައި ބުނެފައިވަނީ ޓްވިޓާގައި ކުރިން މަސައްކަތް ކުރި މުވައްޒަފުންނަށް ވަޒީފާ ދީގެން ތްރެޑްސް އުފެއްދުމުގައި ބޭނުންކުރި ކަމަށާއި އެ މީހުންނަކީ މިހާރު ވެސް ޓްވިޓާގެ އެތައް ސިއްރެއް އެނގޭނެ އަދި އެ ބޭނުންކުރެވިދާނެ މީހުން ކަމަށެވެ. އަދި ޓްވިޓާގެ ވިޔަފާރީގެ ސިއްރުތައް ނަހަމަ ގޮތުގައި މެޓާއިން ބޭނުންކޮށްފައިވާ ކަމަށްވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

އެހެންވެ ތްރެޑްސްގެ މައްސަލާގައި ދައުވާކުރުމުގެ ހައްގު ހޯދުމަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ހުރިހާ ހައްގެއް ލިބިގެންވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި މިމައްސަލާގައި ތްރެޑްސް ގޮވައިގެން ކޯޓަށްދާނެ ކަމަށްވެސް ޓްވިޓާއިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މެޓާއިން ވަނީ ޓްވިޓާއިން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ތުރެޑްސްއަކީ އިންސްޓަގްރާމްއާ ގުޅިފައިވާ ޕްލެޓްފޯމް އެކެވެ. އިންސްޓަގްރާމް އެކަނިވެސް ދެ ބިލިއަން މީހުން ބޭނުން ކުރެއެވެ.

އެހެންވެ ތުރެޑްސް އެކައުންޓްގައި އިންސްޓަގްރާމް ޔޫޒާ ނޭމް ބޭނުން ކުރެވޭނެ އެވެ.

ތްރެޑްސް އިން ތްރެޑްސް އާއި އިންސްޓަގްރާމް އާއި ދެމެދު ޕޯސްޓްތައް ހިއްސާ ކުރެވޭއިރު، ދެ ޕްލެޓްފޯމްގައި ވެސް އެއް އެކައުންޓްތަކަކަށް ފޮލޯ ކުރުމުގެ އިހްތިޔާރު ލިބެ އެވެ. ތްރެޑްސް އަށް ޕްރޮފައިލް ކަސްޓަމައިޒްކުރުމާއި މެންޝަން ކުރެވޭ ވަކި ބަޔަކު ހަމަޖެއްސުމުގެ އިހްތިޔާރުވެސް ލިބިގެންދެ އެވެ.

މީގެ އިތުރުން އެހެން ޕްރޮފައިލްތައް ބްލޮކް ކުރުމާއި، އަންފޮލޯ ކުރުމާއި، ރިޕޯޓް ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. އިންސްޓަގްރާމްގައި ބްލޮކް ކުރާ އެކައުންޓްތައް އޮޓޮމެޓިކުން ތްރެޑްސްގައި ބްލޮކް ކުރެވޭނެ އެވެ.

މެޓައިން ތުރެޑްސް ލޯންޗުކުރި އިރު ޓުވިޓާއަށް ފަހަކަށް އައިސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ފީ ދައްކައިގެން ނޫނީ ވެރިފިކޭޝަން ބެޖު ނުލިބޭ ގޮތަށް ހެދުމާއި އަދި ފީ ނުދައްކާ މީހުންނަށް ދުވާލަކު އެންމެ 800 ޓުވީޓު ކިޔޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

މިބަދަލުތަކާއި ގުޅިގެން ޓްވިޓާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.