މީޑިއާ ކައުންސިލުގެ މެމްބަރުކަމުގައި ހުރި މުހައްމަދު ޝާފިއުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން މީޑިއާ ކައުންސިލުގެ ހިނގަމުންދާ ދައުރުގެ މީޑިއާ ކައުންސިލުގެ މެމްބަރު މުހައްމަދު ޝާފިއުގެ ދައުރު ސެޕްޓެމްބަރު މަހުގެ 10 ވާ އާދިއްތަ ދުވަހަށް ހަމަވާނެ އެވެ. އެހެން ކަމުން އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހޯމް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ބޭފުޅުންނެވެ. އެމްއެމްސީގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ.

ގަވައިދު ބުނާގޮތުން އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެ އެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ ޝަރުތަކުގެ ތެރޭގައި 18 އަހަރުވެފައިވާ ދިވެއްސަކަށް ވުމާއި، ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުމާއި، އަބުރުވެރި އަހްލާގު ރަނގަޅު މީހަކަށް ވުމުގެ އިތުރުން ވޭތުވެ ދިޔަ 12 މަހުގެ ތެރޭގައި ނޫހެއްގައި ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައި ނުވުން ހިމެނެ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. އެއީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން ތިއްބަވާ ހަ މެމްބަރުންނެވެ. ދައުރު ހަމަވެފައި މިވަނީ އާންމު މެމްބަރެއްގެ އެވެ.