ވޮޝިންޓަން (13 ޖެނުއަރީ) - އެމެރިކާގެ ރިޔާސީ އިންތިހާބަށްފަހު މިހާރުގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ސެނެޓް ހިންގާ ކެޕިޓަލް ހިލް ބިލްޑިންގަށް ވަދެ ހިންގި ހަމަނުޖެހުންތައް އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރުން ކުށްވެރިކޮށްފި އެވެ.

އެމެރިކާގައި މިދިޔަ ހަފްތާގައި ހިނގާދިޔަ ހަމަނުޖެހުންތައް ގިނަ ބަޔަކު ކުށްވެރިކުރިއިރު އެމެރިކާ ސިފައިންގެ އެއްވެސް ބޭފުޅަކު އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައި ނުވެ އެވެ.

އަންގާރަ ދުވަހު އެމެރިކާގެ ހުރިހާ ސިފައިންނަށް އެޑްރެސްކޮށް ސިފައިންގެ ވެރިން ގުޅިގެން ފޮނުވި މެސެޖްގައި އެމެރިކާގައި ހިނގައިދިޔަ ކަންތައްތަކަކީ އެމެރިކާގެ ގާނޫނު އަސާސީއަށް ދިން ހަމަލާއެއް ކަމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުން އެއްވެސް މީހަކަށް ހަމަނުޖެހުން އުފެއްދުމަށް ނުވަތަ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަންކަން ކުރުމަށް ތަން ނުދޭކަމަށާއި އެ ހައްގު ބޭނުންކުރަން ވާނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ވެސް އެމެރިކާގެ ގާނޫނު އަސާސީ ހިމާޔަތްކުރުން ލާޒިމްވާނެ ކަމަށާއި، އެމެރިކާގެ ހަމަޖެހުމާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުންއަރާ ފަދަ ކަންކަމަކީ ގާނޫނު އަސާސީ އަދި ގާނޫނުތަކާ ވެސް ހިލާފު ކަންތައްތަކެއް ކަމަށެވެ.

މި މިސެޖް ސިފައިންނަށް ފޮނުވާފައި ވަނީ އެމެރިކާގެ ކެބިނެޓްގައި ހިމެނޭ ދެ ޕާޓީގެ މެމްބަރުން ގުޅިގެން ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން އިތުރު ހަމަނުޖެހުން ހިންގަފާނެ ކަމަށް ބަލައި އެމެރިކާގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށް ނޭޝަނަލް ގާޑްގެ 15000 ސިފައިން ވަނީ ފޮނުވާފައި

މިމަހު 20 ވަނަ ދުވަހު ރައީސް ޖޯ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ބޭވުމަށް ތައްޔާރުވަމުން ދާއިރު، ހިނގާފާނެ ހަމަނުޖެހުމަކަށް ތައްޔާރުވުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޕެންޓަގަންއިން ވަނީ 15،000 ނޭޝަނަލް ގާޑްގެ ސިފައިން ވޮޝިންޓަން ޑީސީއަށް ފޮނުވާފަ އެވެ.

އެމެރިކާގެ ޕެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް އެމެރިކާގައި ވަރުގަދަ ހަމަނުޖެހުން ހިންގުމަށް އެކި ގުރޫޕްތަކުން ރާވަމުންދާކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި ހަތިޔާރާއެކު މުޒާހަރާތައް ކުރުމަށްވެސް ރާވާފައިވާ ކަމަށް އެފްބީއައި އިންވަނީ ހާމަކޮށްފަ އެވެ. - އަލްޖަޒީރާ