ނިއުޔޯކް ސިޓީ (13 ޖެނުއަރީ) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މިމަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނިއުޔޯކް ސިޓީން ޓްރަމްޕް އޯގަނައިޒޭޝަނާއެކު ހަދާފައިވާ ބައެއް ކޮންޓްރެކްޓްތައް ކެންސަލް ކުރުމަށް ނިންމައިފި އެވެ.

ނިއުޔޯކް ސިޓީގެ މޭޔަރު ބިލް ދެ ބްލާސިއޯ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ އޯޑަރަށް ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ގަދަކަމުން ވަދެގަނެ މެމްބަރުންނަށް ބިރުދައްކައި، އެތަނަށް ގެއްލުންދީ ހިންގި ހަމަނުޖެހުން ތަކަކީ އެއްވެސް ވަރަކަށް ބަލައިގަންނަ ކަންތައްތަކެއް ނޫނެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ގާނޫނު އަސާސީ އާއި ހިލާފްވެ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލުތަކަށް ހިތްވަރު ދެއްވައި ހައްދަވާފައި ކަމަށާއި، މިފަދަ ކަންތައްތަކަކީ މާފް ނުކުރެވޭނެ ކުށްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނިއުޔޯކް ސިޓީއިން މިފަދަ ކަންތައްތަކަށް އެއްވެސް ވަރަށް ހިތްވަރު ނުދެއްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ބްލާސިއޯ ވިދާޅުވީ މިގޮތުން ނިއުޔޯކް ސިޓީގެ ސެންޓްރަލް ޕާކްގައި ޓްރަމްޕް އޯގަނައިޒޭޝަނާއެކު ހަދާފައިވާ ސްކޭޓް ޕާކެއް ހިންގުމާއި، ގޮލްފް ކުޅޭތަނެއް ހިންގުމަށް ހެދިފައިވާ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާ ކަމަށެވެ.

މި ކޮންޓްރެކްޓްގެ އަގަކީ އަހަރަކަށް 22.5 މިލިއަން އެމެރިކާ ޑޮލަރެވެ. އެ ކޮންޓްރެކްޓްތައް ކެންސަލް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، މިކަމަށް ދެތިން މަސްދުވަސް ހޭދަވާނެ ކަމަށް ބްލާސިއޯ ވިދާޅުވި އެވެ. މީގެ އިތުރުން ނިއުޔޯކް ޓައިމްސް އިން ނިއުޔޯކްގައި ހުންނަ ޑޯޝޭ ބޭންކުން ޓްރަމްޕް އަދި އޭނާގެ އެއްވެސް ކުންފުންޏަކާއެކު މުއާމަލާތެއް ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ޓްރަމްޕް ވަނީ އޭނާގެ އެތަކެއް ސަޕޯޓަރުންނާ މުހާތަބްކޮށް އިންތިހާބު އޮޅުވާލާފައި ކަމަށް ވިދާޅުވެ ބައިޑެން އިންތިހާބް ކާމިޔާބު ކުރިކަމަށް ކޮންގްރެސް އިން އިއުލާންކުރުން ހުއްޓުވަން ޖެހޭނެ ކަމަށް ނުސީދާ ގޮތުން އޭނާގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވާފަ އެވެ.

މިއާއެކު ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ކޮންގްރެސް އިމާރާތުގެ ތެރެއަށް ގަދަކަމުން ވަދެގަނެ އޭރު ކޮންގްރެސްގައި ކުރިއަށްދިޔަ ބައްދަލުވުން ހުއްޓުވާފަ އެވެ. މި ހަމަނުޖެހުންތަކުގައި ކޮންގްރެސް އިމާރާތް ލޫޓުވައި، ތަކެއްޗަށް ގެންލުންދީފައިވެ އެވެ. އަދި މި ހަމަނުޖެހުން ތަކުގައި ވަނީ ފަސް މީހަކު މަރުވެފަ އެވެ.

ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު އެމެރިކާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މީގެ ތެރެއިން ބައެއް މީހުން ފުރުން މަނާކޮށް، ޕާސްޕޯޓްވެސް ހިފަހައްޓާފައިވެ އެވެ. އެމެރިކާ ފުލުހުން ވަނީ މިކަމުގައި ބައިވެރިވި ހުރިހާ އެންމެންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ހާމަކޮށްފަ އެވެ. – ސްޓްރެއިޓް ނިއުސް