ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ކެޓަރީނާ ކައިފް އަދި އާލިއާ ބަޓް ހިމަނައިގެން "ޖީ ލޭ ޒަރާ" ނަމުގައި ފިލްމެއް ގެނެސްދިނުމަށް ނިންމާފައިވާކަން މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ފަރްހާން އަހްތަރު އިއުލާނުކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހެދި މިފިލްމުގެ މަސައްކަތް ވަނީ ނުފެށި އެވެ.
ބާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ފަރްހާން ޑައިރެކްޓްކުރަން އުޅޭ ފިލްމަކީ އަންހެން ތިން އެކުވެރިއެއްގެ އެކުވެރިކަން ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގެ މަސައްކަތް ފެށުން ލަސްވާތީ މިފިލްމުގެ ލީޑު ފެނިގެންދާ އެއް ބަތަލާ ޕްރިޔަންކާ މިހާރު ވަނީ މިފިލްމު ދޫކޮށްލާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ ދޫކޮށްލި ރޯލު ވަނީ ބަތަލާ އަނުޝްކާ ޝަރްމާއަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އެރޯލަށް އަނުޝްކާ ވަނީ ނޫނެކޭ ބުނެފަ އެވެ. އަނުޝްކާ އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި "ޖީ ލޭ ޒަރާ" އަށް ނޫނެކޭ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި އަނުޝްކާ ޝަރްމާ ވެސް މިފިލްމަށް ވަގުތު ދެވެން ނެތުމުނފަރުހާން އަޚްތަރު ވަނީ ފިލްމު ވަގުތީ ގޮތުން ހުއްޓާލަން ނިންމާފަ އެވެ.
"ޖީ ލޭ ޒަރާ"ގެ ވާހަކަ ލިޔުނީ ވެސް ފަރްހާނާއި އޭނާގެ ދައްތަ ޒޯޔާ އަދި އެމީހުންނާ އެކު ވަރަށް ކުރިއްސުރެ މަސައްކަތްކުރާ ރީމާ ކަގްޓީ އެވެ. ޕްރޮޑިއުސްކުރާނީ ފަރްހާން އާއި ރިތޭޝް ސިދްވާނީގެ އެކްސެލް އެންޓަޓައިންމަންޓުންނެވެ.
މީގެ ކުރިން ފަރްހާން އާއި ޒޯޔާއާ ދެބެން ގުޅިގެން އުފެއްދި ފިލްމުތަކުގެ ތެރޭގައި 2001 ގައި ރިލީޒްކުރި "ދިލް ޗާހްތާ ހޭ" އާއި 2011 ގައި ރިލީޒްކުރި "ޒިންދަގީ ނާ މިލޭގީ ދޯ ބާރާ" ހިމެނެ އެވެ.
މި ދެ ފިލްމަކީ ވެސް ވަރަށް މޮޅު އަދި ރީތި ފިލްމު ތަކެކެވެ. އަދި ބޮކްސް އޮފީހުގައި ވެސް އެ ފިލްމުތަކަށް ވަރަށް ރަނގަޅު ކާމިޔާބެއް ލިބިފައިވެ އެވެ.