ދިވެހީންނަކީ އަބަދުވެސް ބަޔަކު އެހީއަށް އެދި ގޮވާލައިފި ނަމަ އެކަމާ ދެކޮޅު ހަދާނެ ބައެއް ނޫނެވެ. އެހިސާބުން ހުރިހާ ހިތްހަމަނުޖެހުންތަކެއް އެއްފަރާތްކޮށްލުމަށްހު އެހީތެރިކަން ފޯރުކޮށްދޭން ފަށައިގަންނާނެ ކަމީ ތާރީހުން ވެސް ހެކިދޭ ހަގީގަތެކެވެ.
މިކަން ސުނާމީ އާއި މިފަދަ ބޮޑެތި އެތައް ހާދިސާތަކުގެ ފަހުން ފެންނަން އެބަހުއްޓެވެ.
ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގެ ގއ. ދެއްވަދޫ އިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭ އިން މިވަނީ އެރަށަށް އަރާ ފޭބުން މަނާކޮށްފަ އެވެ. އެއާ އެކު އެރަށުން ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހުސްވާން ފެށި އެވެ. އެހީތެރިކަމަށް އެދި ދެއްވަދޫ އިން ގޮވާލި ގޮވާލުމަށް އިޖާބަދީ މުޅި ހުވަދޫ އަތޮޅު ވަނީ އެ ރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލާފަ އެވެ.
އެގޮތުން އެކި ރަށްތަކުގެ ރަށު ކައުންސިލުން އިސްނަގައިގެން ފެން ކޭހާއި ނޫޑްލްސް ކޭސް އަދި އެހެނިހެން ޒަރުރީ ތަކެތި އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފްކޯ އާއި އަތޮޅުގެ އެކި މަސްދޯނިތަކުން ވަނީ ދެއްވަދޫ އަށް ރޯމަސް ވެސް ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި ދަނީ "ހެލްޕްދެއްވަދޫ"ގެ ނަމުގައި އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ރާވާ ހިންގަމުންނެވެ. މި ހަރަކާތްތަކުގައި އާންމު ފަރުދުންގެ އިތުރުން ވިޔަފާރިވެރިންނާއި ދާއިރާގެ މަޖިލިސް މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޖުމްލަގޮތެއްގައި މުޅި ހުވަދޫ އަތޮޅުންވެސް ދަނީ ދެއްވަދޫ އަށް ވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހުވަދު އަތޮޅުން މި ދައްކުވައިދިނީ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަކަމުގެ ލާމަސީލު މިސާލެކެވެ. ދިވެހިންގެ ތެރެއިން އެއްބަޔަކު ސަލާމަތުން ހެޔޮ ހާލުގައި ތިއްބާ އަނެއް ބަޔަކު ހާލުގައި ޖެހުނަ ނުދޭނެ ކަން ރަނގަޅަށް ވެސް ސާބިތުކޮށްދީފި އެވެ.
ދެއްވަދޫއިން މިހާތަނަށް 33 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ތިން މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.
ދެއްވަދޫ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގު ވިދާޅުވެފައިވާ ގޮތުގައި އެ ރަށުގެ 56 ގެއެއް ވަނީ ކަރަންޓީނު ކޮށްފަ އެވެ.
ދެއްވަދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވި ހަތް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.