މައްސަލައެއްގެ ހުކުމް ނުކޮށް އަހަރަކަށްވުރެ ގިނަ ދުވަސް ލަސްކޮށްފައިވާތީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދު ހަތް ދުވަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ހުކުމް ކުރުމަށް ތާވަލުކުރާނެ ކަމަށް ޝަރީއަތުން ބުނެ، ހުކުމްކޮށްފައިނުވާ ކަމާއި، މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުނުކޮށް އެއް އަހަރާއި ފަސް މަހާއި 19 ދުވަސް ހޭދަކުރި ކަމަށެވެ.

އެއަށްފަހު ހުކުމް ކުރުމަށް ތާވަލުކޮށް، ދަޢުވާލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ހުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ހުކުމްނުކޮށް ވަނިކޮށް، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން ތަހްގީގަށް ހޯދުނު ލިޔެކިޔުންތަކާއި ބަޔާންތަކުން އެނގެން އޮންނަ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

ޖޭއެސްސީ އިން ވިދާޅުވީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މިޤަޟިއްޔާގެ ހުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދުގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާތީ، މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މި އަމަލަކީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު ވަޒީފާއަށް ނުނިކުމެ 07 ދުވަހަށް ސަސްޕެންޑް ކުރުމަށް އިއްޔެ ބޭއްވުނު ޖޭއެސްސީގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައި ކަމަށް ޖޭއެސްސީ އިން ހާމަކުރެ އެވެ.