ހިޔާނާތެއް އުޅޭކަން އެނގުނީ ފައިސާ ޖަމާކުރަން ދިއުމުން އެހިސާބުން އެ މުއާމަލާތުގެ ތެރެއަށް ނުވަދެ ދުރަށް ޖެހުނު ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނޭ މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުންނެވެ.

ހެއްކެއްގެ ގޮތުގައި ބޮންޑޭ ހުށަހަޅާފައިވަނީ ދައުލަތުންނެވެ.

ހެކިބަސް ދެމުން ބޮންޑާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދުވަސްވަރު މަސައްކަތް ކުރައްވަމުން ގެންދެވީ ޓުއަރިޒަމްގެ ދާއިރާގައި އަމިއްލަ ކުންފުންޏެއް ހައްދަވައިެގްނެ ކަމަށެވެ. އެގޮތުން އައިބީއާރު ނަމުގައި ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ދުބާއީގެ ކްލެސިކް އައިލެންޑް ހޯލްޑިންގެ ފަރާތުން އެ ދުވަސްވަރު ފުއްގިރި މުއާމަލާތްތަކުގައި ރެޕްރެޒެންޓޭޓިވް އެއްގެގޮތުގައި އުޅުނީ އައިބީއާރު ކުންފުނިން ބޮންޑާކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ޕޭމެންޓްގެ ގޮތުގައި 150،000 ޑޮލަރު ދެއްކީ އޭނާ ކަމަށާއި އެކަމަކު އެ ޗެކު ޖަމާވީ އެސްއޯއެފްގެ އެކައުންޓަކަށް ކަމަށް ބޮންޑާ ވިދާޅުވި އެވެ. އެހިސާބުން ހިޔާނާތެއް އުޅޭ ކަމަށް ޝައްކުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި އޮޑިޓާ ޖެރަލްއަށް އެމައްސަލަ ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.

އެއީ ހިޔާނާތެއް ކަމަށް ގަބޫލުކުރެވުނީ އެސްއޯއެފް ކުންފުންޏަށް ޗެކުޖަމާވުމުން ކަމަށާ އެހެންވެ އެ މުއާމަލާތުން ދުރަށް ޖެހިވަޑައިގެންނެވި ކަމާށް ބޮންޑާ ވިދާޅުވި އެވެ. ފަހުން މުއާމަލާތްތަކުގައި ބައިވެރިވީ ލޯޔަރުން މެދުވެރިވެގެން ކަމަށް ބޮންޑާ ވިދާޅުވި އެވެ.

މި މައްސަލާގައި ދައުވާ ކުރަނީ ކުރީގެ ރައީސް ޔާމީނާއި، ކްރިކް އަހުމަދު ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

އޭގެ ތެރެއިން ސަން ގެ ދެ ކުންފުންޏަށާއި ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާތައް ވަނީ އަންބުރާ ގެންގޮސްފަ އެވެ. ކްރިކް ރިޒާގެ ދައުވާ އަންބުރާ ގެންދިޔައީ އިއްޔެ އެވެ. މިހާރު ދައުވާ ކުރަނީ ހަމަ އެކަނި ރައީސް ޔާމީންގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.