އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުކުރު ދުވަހު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އީރާނުގެ ރިޔާސަތަށް މަލާމާތްކުރައްވަމުން، އިސްލާމީ ދުނިޔޭގައި "މުހައްމަދު" މި ނަމުގެ މަގުބޫލުކަމާ ބެހޭ ގޮތުން ޖޯކު ޖައްސަވައިފި އެވެ.
ޖޯޖިއާގެ ޑޯލްޓަންގައި އެއްވެ ތިބި މީހުންނާ މުހާތަބު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގެ މީހެއްގެ ނަމާމެދު ޝައްކު އުފެދޭނަމަ "މުހައްމަދު" އޭ ބުނުމުން އެކަން ރަނގަޅުވުމުގެ 65 އިންސައްތަ ފުރުސަތު އޮންނަ ކަމަށެވެ. އަދި އޭނާ މިހެން ބުނާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، ދުވަހަކު ވެސް އެކަން ނުބައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"މުހައްމަދު" އަކީ މުސްލިމުންގެ މެދުގައި އެންމެ އާންމު ފިރިހެން ނަމެވެ. މުސްލިމުން ދަރިންނަށް މި ނަން ދީފައި ވަނީ މި އުންމަތުމަތުގެ މާތް ނަބިއްޔާ މުހައްމަދު ﷺ އަށް ނިސްބަތްކޮށެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިހާބާ ދިމާކޮށް، ރިޕަބްލިކަން ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޖޯޖިއާގެ ޑޯލްޓަން މުނިސިޕަލް އެއާޕޯޓުގައި ބޭއްވި އެއްވުމެއްގައި އީރާނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
"އީރާނަކީ އެއްވެސް މީހަކު ރައީސްކަން ކުރަން ބޭނުންނުވާ ހަމައެކަނި ގައުމު" ކަމަށް ވިދާޅުވެ، "މުހައްމަދު" ކިޔާ ބައެއް މީހުންގެ ގާތުގައި އެ މަގާމަށް ދާން ބޭނުންތޯ ސުވާލުކުރާ ކަމަށް ހެދިގެން ޓްރަމްޕް މަލާމާތް ކުރެއްވި އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން އީރާނުގެ ރައީސަކީ މަސްއޫދު ޕެޒެޝްކިއާން އެވެ.
ޖޯޖިއާގެ އެއްވުމުގައި ތިބި މީހުންގެ ފަރާތުން މި ޖޯކަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި މުސްލިމް ޖަމިއްޔާތަކުން ވަނީ، މުސްލިމުންނާއި، ހިޖުރަވެރިންނަށް މަލާމާތްކޮށް، އެމީހުން ބާކީކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ބަހުރުވައަށް ތަކުރާރުކޮށް ފާޑުކިޔާފަ އެވެ.
މިޑްޓާމް އިންތިހާބުގެ ދުވަސްވަރު ސޯމާލީ ދަރިކޮޅުގެ އެމެރިކާ މީހުންނާއި މުސްލިމުންނާ ދެކޮޅަށް އޭނާގެ ބަހުގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. މީގެ ތެރޭގައި މުސްލިމް ޑިމޮކްރެޓިކް ސެނެޓް ކެންޑިޑޭޓް އަބްދުލް އަލް- ސައްޔިދު އާއި، ސޯމާލިއާގެ ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް އައިސްފައިވާ މިނެސޮޓާގެ މެންބަރު އިލްހާން އުމަރު ހިމެނެ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގެ މަގުސަދުގައި އެމެރިކާއާއި އިޒްރޭލުން ތެހެރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ހަތް މަސް ފަހުން ވެސް، އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފަ އެވެ.
ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްއިން މިއަހަރު ކުރީކޮޅު ނެރުނު އަހަރީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމެރިކާގައި އިސްލާމޯފޯބިއާ އިތުރުވަމުންދަނީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ހިޖުރަވެރިންނާ ދެކޮޅަށް އެޅުއްވި ހަރުކަށި ފިޔަވަޅުތަކާއި، ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާތަކާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުންނެވެ.
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ
ފްރާންސް މުޒާހަރާ ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވެއްޖެ