ދިހަ ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހަތަރު ދުވަހަށް އިތުރުކޮށްފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމު ކުރާ ފިލްމް އެވާޑްސްގައި ބައިވެރިކުރާ ފިލްމުތައް ހުށަހެޅުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން އެވޯޑަށް ފިލްމުތަކުގެ ނަންތައް ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް ވަގުތު އިތުރުކޮށްފައިވާ ކަމަށް އެންސީއޭއިން ބުނެ އެވެ.

އެންސީއޭއިން ބުނީ މިފަހަރުގެ އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.

އެންސީއޭއިން ބުނީ ދިވެހި ފިލްމީ ދާއިރާއިންދޭ އެންމެ ހާއްސަ އެވޯޑްސް ހަފްލާ އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

މިއީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ދެމުން އަންނަ އެވޯޑެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2017-2018 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން 12 ފީޗާ ފިލްމު އެވޯޑަށް ވާދަކުރި އެވެ. ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ޖުމްލަ ހަތް އެވޯޑާ އެކު ހޮވިފައިވަނީ ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އެވެ. އަދި ، އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ ވެސް "ވިޝްކާ" އިން އައިޝަތު ރިޝްމީ އެވެ.