ކޮވިޑް-19އަށް ޕޮޒިޓިވްވި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މުވައްޒަފަކާ ސީދާ ކޮންޓެކްޓްވި ބޭފުޅަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފައިވާ ކަމަށާއި، އެކަމަކު އެ ބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބުނެފި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އެވެ. ޝަހުބާންއާ ކޮންޓެކްޓްވި އެ ކައުންސިލްގެ މުވައްޒަފަކު ޕޮޒިޓިވްވެގެން އެޗްޕީއޭ އިން ޝަހުބާން ހޯމް ކަރަންޓީނުގައި މަޑުކުރަން އެންގީ އެ ބައްދަލުވުމަށްފަހު ކަމަށް ވެސް އެނގިފައިވެ އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމްއެމްސީން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވާ މީހަކު ރައީސްއާ ބައްދަލުވެފައިވާކަން އެނގިފައި ވަނީ އެބައްދަލުވުން ނިމުނު ފަހުން ކަމަށެވެ. އަދި އެ ބައްދަލުވުން ކުރިއަށްދިޔައީ އެޗްޕީއޭ މިންގަނޑާ އެއްގޮތަށް ގައިދުރުކަމާއި އެނޫން ވެސް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެ ސެންޓަރުން ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ ކޮންޓެއްގެ ކޮންޓެކްޓުންގެ ގޮތުގައި ވެސް ނުބެލެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެމްއެމްސީގެ އިދާރީ މުވައްޒަފަކު ކޮވިޑަށް ޕޮޒިވްވުމުން ޑައިރެކްޓް ކޮންޓެކްޓްވި އެ ކައުންސިލްގެ ފަސް މުވައްޒަފަކު މިހާރު ވަނީ ކަރަންޓީންކޮށްފަ އެވެ.