މިއާމި (14 ޖެނުއަރީ) - އެމެރިކާގެ ފްލޮރިޑާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރެއް ކޮވިޑް ވެކްސިން ޖެހިތާ 16 ދުވަސް ފަހުން މަރުވި މައްސަލައެއް ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކުން ނިންމައިފި އެވެ.

މިއާމި ބީޗްގެގައި މަސައްކަތްކުރާ 56 އަހަރު ނޮކޮލިޖިސްޓް ޑރ. ގްރެގޮރީ މައިކަލްއަށް ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން ޖަހާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހު މައުންޓް ސިނައި މެޑިކަލް ސެންޓަރުގަ އެވެ. އޭގެ ފަހުން 16 ދުވަސް ފަހުން ބްރެއިން ހެމޮރޭޖްގެ ސަބަބުން އޭނާ މަރުވިކަމަށް އޭނާގެ އަންހެނުން ފޭސްބުކްގައި ލިޔެފައިވެ އެވެ. އޭނާގެ އަންހެނުން ބުނިގޮތުގައި ވެކްސިން ޖެހިފަހުން މައިކަލް ވަނީ ވަރަށް ނުރައްކާ ވައްތަރެއްގެ ލެޔައް ޖެހޭ ބައްޔެއް ޖެހިފަ އެވެ.

މިކަމާ ގުޅިގެން ފައިޒާއިން ވަނީ ބަޔާނެއް ނެރެފަ އެވެ. ފައިޒާގެ ބަޔާނުގައި ޑޮކްޓަރުގެ މަރު ވަރަށް ރަނގަޅަށް ތަހުގީގުކުރަމުން ދާކަމަށް ބުނެފައިވެ އެވެ. އަދި ޑޮކްޓަރު މަރުވީ ވެކްސިންގެ ސަބަބުން ކަމަށް ގަބޫލުކުރަން ދަތިކަމަށް ވެސް ބުނެފައިވެ އެވެ.

އެކުންފުނިން ހެދި އެއްވެސް ކްލިނިކަލް ޓެސްޓަކުން މިބާވަތުގެ އެއްވެސް ކަހަލަ މައްސަލަތަކެއް އެއްވެސް ބައިވެރިއަކަށް އަދި މިހާތަނަށް ދިމާވެފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އެމެރިކާގައި ވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފަ އެވެ. ލަފާކުރެވޭ ގޮތުގައި މެޑޯނާ އަދި ފައިޒާ އަދި ބަޔޯއެން ޓެކުން އުފައްދާފައިވާ ވެކްސިން ގެ ފުރަތަމަ ޑޯޒް އެމެރިކާގެ ގާތްގަނޑަކަށް ނުވަ މިލިއަން މީހުންނަށް ދީފައިވާނެ އެވެ. އަދި މިހާތަނަށް މައްސަލަ ދިމާވާ ކަމަށް އަންގާފައިވަނީ 29 ފަރާތަކުންނެވެ. ދިމާވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބޮލަށް ތަދުވުމާއި، އެލާޖިކް ވުމާއި، އަތަށް ތަދުވުން، ގައިގަ ރިއްސުން ފަދަ ވަރަށް ކުޑަކުޑަ ކަންތައްތަކެވެ.

ޑޮކްޓަރު މައިކަލްގެ އަންހެނުންނާ ހަވާލާދީ މީޑިއާތަކުން ބުނިގޮތުގައި ވެކްސިން ޖެހިތާ ތިން ދުވަސް ފަހުން އަތުންނާއި ފައިން ކުޑަކުޑަ ރަތް ތަންކޮޅުތަކެއް ފާހަގަވެގެން އިމަޖެންސީރޫމްގައި ޑޮކްޓަރަކަށް ދައްކާފައިވެ އެވެ. ލޭގެ ޓެސްޓުން އެންގުނު ގޮތުގައި މައިކަލްގެ ޕްލޭޓްލޭޓް ކައުންޓް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަވުމުން އިންޓެންސިވް ކެއާ ޔުނިޓްއަށް ބަދަލުކޮށް އެޑްމިޓް ކުރެވިފައިވެ އެވެ. މީގެ ކުރިން މިފަދަ އެއްވެސް ބައްޔެއް އަދި އެލާޖީ އެއްވެސް ދިމާވެފައި ނުވާކަމަށް އަންހެނުން ބުނެފައިވެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ލޭގެ ހާއްސަ ޑޮކްޓަރު ޑރ. ޖެރީ ސްޕިވަކް ބުނީ ޑރ. މައިކަލްގެ އަންހެނުން ދިން މައުލޫމާތުން މިއީ ވެކްސިންގެ ސަބަބުން ދިމާވިކަމެއް ކަމަށް ވުން ވަރަށް އެކަށީގެންވާ ކަމަށެވެ. ނަމަވެސް ޔަގީންކަމާއެކު ބުނަން އެނގޭނީ މިކަން ރަނގަޅަށް ތަހުގީގުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. -ސްޓްރައިޓް ޓައިމްސް