ސެޕްޓެންބަރު މަހު ބާއްވަ ރިޔާސީ އިންތިހާބަށް އިދިކޮޅު ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށްގެން އެއް ކެނޑިޑޭޓެއް ނެރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އިން އެއްބަސްވެއްޖެ އެވެ.

މިގޮތަށް އެއްބަސްވެފައިވަނީ މިއަދު ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރު މ. ކުނޫޒު ގައި ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ. އަދި އެއް ކެނޑިޑޭޓެއް ނެރުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އާއި ރައީސް މައުމޫނުގެ އެމްއާރުއެމްއާ މަޝްވަރާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާއަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އެއްބަސްވާ ކަމަށެވެ. އަދި މިކަމާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ރައީސް މައުމޫންގެ ޕާޓީއާވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ގާސިމް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ތިން ލީޑަރުންނާއި، އެޕާޓީތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. މިއީ އިދިކޮޅު ތިން ޕާޓީއަކުން އެއް މޭޒެއްގައި މިފަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ކުރިއަށް ގެންދާ ފުރަތަމަ މަޝްވަރާއެވެ.

މީގެ ކުރިން ވަކިވަކި ޕާޓީތަކުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވެ އެވެ. އެހެން ނަމަވެސް އެކަމުގައި ކުރިމަގެއް ފެނިފައިނުވެ އެވެ.