އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ ކުރީގެ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާގެ ހެދުން ކޮޅެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

ވާމް އެންޑް ވަންޑަފުލް ބްރޭންޑްގެ އެ ވޫލް ސްވެޓާ ޑަޔާނާ ތުރުކުރައްވާފައި ވަނީ 1981 ވަނަ އަހަރު ޕޯލޯ ގޭމެއްގެ ތެރެއިން އޮތް ޕްރިންސް ޗާލްސްގެ ޑްރާމާއެއް ބައްލަވާލެއްވުމަށެވެ.

މައިގަނޑު ގޮތެއްގައި ރަތާއި ހުދުގެ އެ ސްވެޓާގައި ފެންނަނީ ހުދު ކަންބަޅިތަކެއްގެ ތެރޭގައި ހަމަ އެންމެ ކަޅު ކުލައިގެ ކަންބަޅި އެކެވެ.

ޕްރިންސަސް ޑަޔާނާގެ ހެދުން ކޮޅުތަކުގައި ފޮރުވިފައި މާނައެއް ވާ ކަމަށް ވާހަކަ ދެކެވޭއިރު، މި ސްވެޓާއިން ދޭހަކޮށްދެނީ މުޖުތަމައުގެ އާއްމު އުސޫލުތަކާ ތަފާތު ވިޔަސް ތިމާގެ އަމިއްލަ ނަފްސު ދެކެ ލޯބިވުމަށް ކަމަށް ބުނެވެ އެވެ.

އޮގަސްޓް 31 ން ސެޕްޓެމްބަރު 14 އަށް އޮންނަ އެ ނީލަމުގައި ބްލެކް ޝީޕް ސްވެޓާގެ އަގު 80،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް މާހިރުން ލަފާ ކުރެ އެވެ.

ޕްރިންސަސް ޑަޔާނާއަކީ އެކަމަނާގެ ހިތްހެޔޮކަމާއި އޯގާތެރިކަމަށްޓަކައި އިނގިރޭސިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ލޯބި ވެސް ހޯދާފައިވާ ޝަހުސިއްޔަތެކެވެ.