ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ދިޔުމުން ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައަކީ ނ. އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލަ އެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.

ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާ ކަން އެނގިފައިވެ އެވެ.

ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓިއިރު، ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލާގައި ރާއްޖޭގެ ސިވިލް ކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރުނެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން އަމުރުކުރީ އެ މައްސަލާގައި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ފައިސާ ނުލިބުމުންނެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ މި އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީއޭއިން ހަދާފައިވާ ކޯލިޝަނާއެކު ކެމްޕެއިންގައި އުޅުއްވަމުންނެވެ. އެގޮތުން އަތޮޅުތަކަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައިވެސް ސިޔާމް ބައިވެރިވެވަޑައިގަންނަވަ އެވެ.