(15 ޖެނުއަރީ) - ކޮވިޑް ރޯގާ ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗަށް ހިނގައްޖެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީ އިން އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އިއްޔެގެ ނިޔަލަށް ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވެ އެވެ. މިހާ ގިނަ ބަޔަކު މަރުވީ އެންމެ ފުރަތަމަ ކޮވިޑް ކޭސްތަކެއް ޗައިނާގެ ވޫހާން އިން ފެންނަށް ފެށިތާ އަހަރެއް ވާން ގާތްވެފައިވަނި ކޮށެވެ. ނަމަވެސް މާހިރުން ލަފާކުރާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ އެވެ. ބައެއް ގައުމުތަކުގައި ބަލިޖެހިން މަރުވި މީހުން ޔަގީންކުރެވިފައި ނުވާތީ ރިޕޯޓް ނުކުރުން ފަދަ ކަންކަން ކުރިމަތިވެފައިވެ އެވެ.

އެމެރިކާގެ ސިއޭޓަލްގައި ހުންނަ ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ޑައިރެކްޓަ އޮފް އިންސްޓިޓިއުޓް އޮފް ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން ކްރިސްޓޮފާ މުރޭ ވިދާޅުވި ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ބޮޑު ޕަސެންޓެއް ރިޕޯޓް ނުކުރެވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ޖެހިގެން މަރުވި ކަމަށް ރިޕޯޓްކުރާ އަދަދަށްވުރެ އެވްރެޖްކޮށް މަރުވާ މީހުންގެ އަދަދު 20 ޕަސެންޓް ބޮޑެވެ. އިކްއެޑޯ، ޕެރޫ އަދި ރަޝިޔާ ފަދަ ގައުމުތަކުގައި މަރުވާ މީހުންގެ ޖުމްލަ އަދަދު އުޅެނީ ރިޕޯޓްކުރާ އަދަދަށްވުރެ 300-500 ޕަސެންޓް މަތީގަ އެވެ. އެހެން ކަމުން ވަރަށް ބޮޑު ޕަސެންޓެއް ރިޕޯޓް ނުކުރާ ކަމަށް އޭނާ ލަފާކުރެ އެވެ.

ކޮވިޑް ރޯގާއަށް ވެކްސިން ތައްޔާރު ދުނިޔޭގެ ގައުމުތަކުން އެ ގައުމުގެ ރައްޔަތުން ވެކްސިން ޖެހުމުގެ ބޮޑެތި ޕްރޮގްރާމް ފަށާފައިވާއިރު މާހިރުން ލަފާކުރާގޮތުގައި ދުނިޔޭގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހޭނީ އަހަރަކަށް ވުރެ ގިނަދުވަސް ފަހުންނެވެ. ބައެއް ގައުމުތަކުގައި ދެ އަހަރު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކޮވިޑް ވައިރަސް ޖެހިގެން ޕޮޒިޓިވްވާ މީހުންނާއި މި ރޯގާގައި މަރުވާ މީހުން ދަނީ ދުވަހެއް ދުވަހަކަށްވުރެ އިތުރުވަމުންނެވެ. ކޮވިޑްގެ މަރު ކޭސްތަކުގެ އަދަދު އެއް މިލިއަނަށް އަރަން ފުރަތަމަ ހޭދަވީ 8 މަސް ދުވަހެވެ. އެހެން ނަމަވެސް މި އަދަދު ދެ މިލިއަނަށް އަރަން ނެގީ އެންމެ 4 މަހަށްވުރެ މަދު ދުވަސްކޮޅެކެވެ.

މި ރޯގާގައި އެންމެ ގިނަ މީހުން މަރުވިކަމަށް ރިކޯޑް ކުރެވިފައިވަނީ އެމެރިކާއިންނެވެ. ދެން އެންމެ ގިނަ މީހުން މަރުވިކަމަށް ރިކޯޑް ކުރެވިފައިވަނީ ބްރެޒިލް، އިންޑިއާ އަދި މެކްސިކޯ އިންނެވެ. މަރުވި މީހުންގެ އުމުރަށް ބަލާއިރު އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. ނަމެވެސް މެދު އުމުރުގެ މީހުންނާއި ޒުވާނުން އަދި ކުޑަކުދިން ވެސް މި ލިސްޓުން އުނިނުވެ އެވެ. -ސީއެންއެން