އިސްތަންބޫލް (15 ޖެނުއަރީ) - ކޮވިޑް ވައިރަސްއާ ދެކޮޅަށް ތުރުކީން ކުރާ މަސައްކަތުގައި އެ ގައުމުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

ތުރުކީގެ މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުން ވަނީ ޗައިނާއިން އުފައްދާފައިވާ ކޮވިޑް ވެކްސިން ސިނޮވެކް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދެވުނީ އެ ގައުމުގެ އެއް މިލިއަނަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނެވެ. އަދި އޭގެ ފަހުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރު ފަހްރެތިން ކޯކާ ވިދާޅުވި ގޮތުގައި ވެކްސިން ޖަހަން އެއްވެސް މީހަކަށް މަޖުބޫރެއް ނުވާނެ އެވެ. ނަމަވެސް ކުރީގެ ދިރިއުޅުމަށް ބަދަލުވުމަށް ވެކްސިން ޖެހުން މުހިންމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުރުކީގެ ވެކްސިން ޕްރޮގްރާމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަތަރު ސްޓޭޖަކަށް ބަހާލާއިގެންނެވެ. ފުރަތަމަ އަދި ދެވަނަ ސްޓޭޖްގައި ވެކްސިން ޖެހުމަށް ނިންމާފައި ވަނީ އެގައުމުގެ ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްކުރާ މީހުންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށެވެ. ތިންވަނަ އަދި ހަތަރުވަނަ ސްޓޭޖްގައި ވެކްސިން ޖެހުމަށް ނިންމާފައި ވަނީ އެ ގައުމުގެ ބާކީ ތިބި އެންމެންނެވެ.

ތުރުކީގައި ކޮވިޑް ކޭސްތަކުގެ އަދަދު 2.3 މިލިއަނަށް އަރައިފަ އެވެ. އަދި މި ރޯގާގައި 23،495 މީހުން ވަނީ އެ ގައުމުން މަރުވެފަ އެވެ. – އަރަބް ނިއުސް