ޖަކާޓާ (15 ޖެނުއަރީ) - އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑަށް އިއްޔެ އައި ރެކްޓާ މިންގަނޑުން 6.2 ގެ ބާރުމިނުގެ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ މީޑީއާ ރިޕޯޓްތައް ހާމަކުރާ ގޮތުގައި މި ބިންހެލުމުގައި 42 މީހުން މިހާތަނަށް މަރުވެފައިވެ އެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ތެރޭގައި ދެ ހޮސްޕިޓަލާއި، ރީޖަނަލް ގަވަރުނަރުގެ އޮފީހުގެ އިތުރުން 300 ހިމެނެ އެވެ. އަދި މީގެ އިތުރުން އިތުރު އެހެނިހެން އިމާރާތްތަކަށް އެކިވަރުގެ ގެއްލުންތަކެއް ލިބިފައިވެ އެވެ. ވެއްޓިފައިވާ މަމުޖު ހޮސްޕިޓަލް ދަށުގައި އެ ހޮސްޕިޓަލުގެ ފަރުވާ ހޯދަމުންދިޔަ ބަލިމީހުންނާއި، ހޮސްޕިޓަލުގެ ސްޓާފުން ހިމެނެ އެވެ. އަދި އެ މީހުންތައް ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނިގޮތުގައި ބިންހެލުން އައިސްފައި ވަނީ ސުލަވެސީ ޕްރޮވިންސްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މަމުޖު އާއި 36 ކިލޯމީޓަރު ދުރުގެ ސަރަހައްދަކަށެވެ. ބިންހެލުމުގެ އަސަރު ކޮށްފައިވަނީ 7 ސިކުންތާއި 10 ވަރަކަށް ސިކުންތާ ދެމެދުގެ ވަގުތަކަށެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ އެޖެންސީއިން ބުނިގޮތުގައި ބުރާސްފަތި ދުވަހު ވެސް 5.9 ގެ ބާރުމިނުގައި އެ ސަރަހައްދަށް ބިންހެލުމުގެ އަސަރުކޮށްފައިވެ އެވެ. އަދި އޭގެ އިތުރުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކުދި ލޮޅުންތަކުގެ އަސަރު ކޮށްފައިވެ އެވެ.

އިންޑޮނޭޝިއާ ހިމެނެނީ ޕެސިފިކްގައި އޮންނަ ރިންގް އޮފް ފަޔާ ކިޔާ ބިންހެލުން ގިނަ ސަރަހައްދެއްގަ އެވެ. ޕެސިފިކްގެ މި ސަރަހައްދަކީ އާންމުކޮށް ބިންހެލުން ގިނައަދަދަކަށް އަންނަ ސަރަހައްދެކެވެ. – ސްޓްރެއިޓް ޓައިމްސް