ރަނގަޅު އާމްދަނީއެއް ލިބޭ ރައްޔިތެއް އެ ގައުމުގައި ދިރިއުޅުމަކީ ހަމަ ކޮންމެ ގައުމެއްގެ ވެސް ތަސައްވަރެކެވެ. އެގޮތުން ބައެއް ގައުމުތަކަކީ އެގައުމުތަކަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ އާމްދަނީގެ ސަބަބުން ވެސް މަޝްހޫރުވެފައިވާ ގައުމުތަކެވެ.

ފާއިތުވި 10 އަހަަރަށް ބަލާއިރު ދުނިޔޭގައި އުޅޭ މަހުޖަނުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އެ މަހުޖަނުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ މަހުޖަނުންނެވެ.

ފޯބްސް މަޖައްލާއިން ނެރެފައިވާ ދުނިޔޭގެ އެންމެ ގިނަ މަހުޖަނުން އުޅޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރި ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައިވަނީ އެމެރިކާއިންނެވެ.

އެމެރިކާގައި ޖުމްލަ 735 ބިލިއަނަރުން އުޅޭއިރު އޭގެ ތެރެއިން 60 މީހުންނަކީ އެ ލިސްޓުގައި އަލަށް ހިމެނުނު މީހުންނެވެ. މި އެންމެންގެ މިލްކިއްޔާތު އެއްކޮށް ބަލާނަމަ 4.5 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

އެންމެ ގިނަ މަހުޖަނުން އުޅެނީ އެމެރިކާގައި ކަމަށްވިޔަސް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނަކީ އެމެރިކާ މީހެއް ނޫންކަން ފާހަގަ ކޮށްލަން ޖެހެ އެވެ. އެ ލަގަބު ކުރިން އޮތީ އެމެރިކާގެ އިލަން މަސްކަށް ނަމަވެސް އެންމެ ފަހުން ނެރުނު މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ ފްރާންސްގެ ލަގްޒަރީ ގުޑްސް ވިޔަފާރިވެރިއެއް ކަަމަށްވާ ބެރްނާޑް އަރްނޯލްޓް އެވެ.

އެންމެ ގިނަ މަހުޖަނުން ނިސްބަތްވާ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ 495 ބިލިއަނަަރުންނާއެކު ޗައިނާ އެވެ. މި އެންމެންގެ މިލްކިއްޔާތު އެކުގައި 1.67 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

އެ ލިސްޓުގެ ތިންވަނައިގައި އޮތީ އަވަށްޓެރި އިންޑިއާ އެވެ. ޖުމްލަ 169 ބިލިއަނަރުން އިންޑިއާއަށް ނިސްބަތްވާއިރު އޭގެ ތެރޭގައި ގައުތަމް އަދާނީއާއި މުކޭޝް އަމްބާނީ ހިމެނެ އެވެ.

ދުނިިޔޭގައި މަހުޖަނުންގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރުވެފައިވާއިރު ކުރިއަށް އޮތް ތަނުގައި ވެސް އެ އަދަދު ދާނީ އިތުރު ވަމުން ކަމަށް މާހިރުން ބުނެ އެވެ.