ސޯޝަލް މީޑިއާ ޕްލެޓްފޯމް އުފެދުނީއްސުރެ ބޭނުން ކުރަމުން އައި ލޯގޯ ބަދަލުކޮށް އާ ލޯގޯއެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ އިލަން މަސްކް ހާމަކޮށްފި އެވެ.

ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި އިލަން ބުނެފައިވަނީ އަވަސް މުސްތަގްބަލެއްގައި ޓްވިޓާއިން މިހާރު ބޭނުންކުރާ ލޯގޯއަށް އެކުންފުނިން އަލްވަދާއު ކިޔާނެ ކަަމަށެވެ.

އެއަށްފަހު އޭނާ ވަނީ ރަނގަޅު ލޯގޯއެއް ލިބިއްޖެ ނަމަ ޖެހިގެން އަންނަ ދުވަހު ވެސް އެކަން ދުނިޔެއަށް އާއްމު ކުރާނެ ކަމަށް ބުނެފަ އެވެ.

އިލަން އިތުރަށް ބުނީ ލޯގޯއަށް އަލްވަދާއު ކިޔުމަށްފަހު އެ ޕްލެޓްފޯމުގައި ބޭނުން ކުރެވެމުން އަންނަ ހުރިހާ ދޫންޏެއް ވެސް ގެއްލޭނެ ކަމަށެވެ.

މި ބަދަލަކީ މިދިޔަ އޮކްޓޯބަރު މަހު 44 ބިލިއަން އެމެރިކާ ޑޮލަރުގެ ރެކޯޑް އަގަކަށް ޓްވިޓާ ގަތުމަށްފަހު އިލަން މަސްކް އެ ކުންފުންޏަށް ގެންނަން ނިންމާފައިވާ ސްޓްރެޓެޖިކް ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ.

ޓްވިޓާއިން މިހާރު ބޭނުން ކުރަމުން އަންނަ ލޯގޯއަކީ ކުޑަ ދޫންޏެއް އުދުހިގަންނަ މަންޒަރު ފެންނަ ނޫކުލައިގެ ލޯގޯ އެކެވެ. އެ ދޫނިން ދޭހަ ކޮށްދެނީ ޓްވިޓާ މެދުވެރިކޮށް ފެތުރޭ ހަބަރުތަކަށެވެ.

ޓްވިޓާ ގަތުމަށްފަހު އެ ކުންފުންޏަށް އިލަން ގެންނަމުން އަންނަ ބައެއް ބަދަލުތަކަށް އާއްމުންގެ ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ.

އެގޮތުން ކޮންމެ ދުވަހަކު ޓްވީޓް ކުރެވޭ އަދަދު ވަކި ވަރެއްގައި ކަނޑައަޅަން މި މަހުގެ ކުރީކޮޅު ނިންމި ނިންމުމަށް ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ.