އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެޕާޓީގެ ރައީސް ފާރިސް މައުމޫން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް މެމްބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބު ބެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ އެމްއާރުއެމް އިން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާކަން ވަނީ ކަށަވަރުވެފަ އެވެ. ރިޔާސީ އިންތިހާބަށް އެމްއާރުއެމްގެ ފަރާތުން ނިކުންނަވަނީ ފާރިސް މައުމޫން އެވެ.

އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ފާރިސް ނިކުންނެވުމަށް ނިންމަވާ އިދާރީ ބައެއް މަސައްކަތްތައް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ރެކޯޑު ސާފުކުރުން ފަދަ މަސައްކަތްތައް މިހާރު ފާރިސް ވަނީ ފައްޓަވާފަ އެވެ.

އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.

އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގައި ގޮންޖެހުންތަކެއް ހުރެދަނެތީ ފާރިސް މިހާރު ވަނީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައި ކަމަށެވެ. އަމިއްލަގޮތުން ވާދަކުރެއްވުމަށް މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތްވެސް ފާރިސް ފަށަފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްއާރުއެމް އުވާލުމުގެ މައްސަލަ އެ ޕާޓީން ކޯޓަށްވެސް ހުށަހެޅި އެވެ.

އެމްއާރުއެމް އުވާލަން އީސީ އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކުރީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.

އެ މައްސަލަ އެމްއާރުއެމް އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެމްއާރުއެމް އިން އެދިފައި ވަނީ ޕާޓީ އުވާލުމަށް އީސީ އިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.