ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށާއެޅުމުގެ ބިލުގެ ބަހުސް މާދަމާ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފި އެވެ. މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 11 ޖަހާއިރު އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަން ބޭނުންވާ ހުރިހާ މެމްބަރުންގެ ފުރުސަތު ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.
މި ގާނޫނަށް ހުށައަޅާ އިސްލާހުގައި ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައި ވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
އަދި މި އިސްލާހުގައި ގާނޫނުގައި ބުނެފައިވާ ބައެއް މުހުލަތުތައް ކުރުކުރަން ހުށަހަޅާފައިވެ އެވެ. އެގޮތުން އިންތިޚާބު ބޭއްވުމުގެ 45 ދުވަސްކުރިން ވޯޓު ދޭ މީހުންގެ ލިސްޓު އާންމުކުރަންޖެހޭ އުޞޫލު ބަދަލުކޮށް އެ މުހުލަތު 30 ދުވަހަށް ކުރަން ޖެހެ އެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 10 ދުވަހުން ފަސް ދުވަހަށް ބަދަލުކުރަން ހުށަހަޅާފަ އެވެ.
މިބިލު ދިރާސާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. މިދިޔަ އަހަރު މެއި 10 ގައި ފާސްކުރި ހާއްސަ ގާނޫނު އަލުން އިސްލާހު ކުރަން ސަރުކާރުން ނިންމީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ޖާގަ ނުދޭތީ އިންތިޚާބު ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.