ދިވެހި ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން ސަރުކާރުން ބާއްވަމުން އަންނަ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރޭ ބާއްވާފައިވާއިރު އެ ހަރަކާތުގެ ތެރެއިން ގިނަ ހުށައެޅުންތަކެއް ވަނީ ފެނިފަ އެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާލާއިރު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތަކަކީ ކޮންމެ އަހަރަކު ވެސް އެ ހަރަކާތަކަށް ސްކޫލުތަކުންނާއި އާއްމުން ވެސް އިންތިޒާރު ކުރަމުން އަންނަ ހަރަކާތެކެވެ.

އެހެން ނަމަވެސް ގިނަ އަހަރުތަކަކަށް މި ހަރަކާތް މެދުކެނޑިފައި އޮތުމަށްފަހު މިއަހަރު ބޭއްވި ހަރަކާތުގެ ތެރެއިން ފާހަގަވި އެންމެ ބޮޑު އެއް ތަފާތަކީ ސްކޫލުތައް އެއްކޮށްލައިގެން ހުށައެޅުންތައް ތައްޔާރު ކުރެވުނު ކަމެވެ.

އެގޮތުން މާލޭގެ ގިނަ ސްކޫލުތަކެއް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހުށައެޅުންތަކުގައި މީގެ ކުރީގެ އަހަރުތަކުގެ ހަނދާންތައް ވެސް ކޮންމެވެސް ވަރަކަށް އާލާވި އެވެ.

ސްކޫލުތަކުގެ އިތުރުން އަތޮޅުތެރޭގެ ތިން ރަށަކުން ވެސް ވަނީ ދިވެހި ސަގާފީ ލަނގިރީގެ ފުރިހަމަ ހަރަކާތްތައް ދައްކުވައިދީފަ އެވެ. އެއީ ކ. ކާށިދޫއާއި މ. ދިއްގަރުގެ އިތުރުން ހއ. ވަށަފަރުންނެވެ.

ހެވިކަމާއި ކުޅިވަރުގެ ހަރަކާތް ނިމިގެން ދިޔައީ ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހުށައަޅައިދިން މިއުޒިކަލް ޑްރާމާއަކުންނެވެ. އެ ޑްރާމާގެ ތެރެއިން ދިވެހި މިނިވަން ކަމުގެ ތާރީހު ފެނިގެން ދިޔަ އެވެ.

ކޮންމެ ގޮތެއް ވިޔަސް ރޭގެ ހަރަކާތްތަކަކީ ގިނަ ބައެއްގެ ކުރީގެ ހަނދާންތަކެއް އާ ކޮށްދިން ތަފާތު ހުށައެޅުންތަކެއް ފެނުނު ހަރަކާތެކެވެ. އޭގެ ތެރެއިން އެންމެ ފުރިހަމައީ ކޮން ހަރަކާތެއްތޯ ނިންމާނީ ތިޔަ ބޭފުޅުންނެވެ.