އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި މި ގައުމަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން އަންނައިރު މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިނިވަން ދުވަސް ފާހަގަ ކުރުމަށްޓަކައި ކުލަގަދަ ހަރަކާތްތައް ބޭއްވުމަކީ ބޭކާރު ކަމެކެވެ. ދައުލަތުގެ ހަރަދުން ކުރެވޭ އިސްރާފެކެވެ.

އެހެން ނަމަވެސް އޭގެ އަނެއްކޮޅަށް ވާހަކަ ދައްކާ ބޭފުޅުން ބުނާ ގޮތުގައި ލިބިފައި އޮތް ނިއުމަތެއްގެ އުފާ ފާޅުކުރުމަކީ އޮތް ކަމެކެވެ. އެކަމުގެ އަގު ވަޒަން ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާލަމާތޯ އެވެ. އަޅުގަނޑުގެ ވެސް ޅަ އުމުރެވެ. އަހަރު ތެރޭގައި އަންނަ މުނާސަބަތުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ އެއް ކަމަކީ މިނިވަން ދުވަހުގެ ހަރަކާތްތަކެވެ. ބާއްވާ ފުޅަނދުބުރު ތަކެވެ.

އެ ކަންކަމުން ވެސް އަޅުގަނޑުމެންގެ ޅަ ސިކުނޑީގައި ގައުމިއްޔަތުގެ ޖޯޝެއް އާލާވި އެވެ. ގައުމީ ލޯބީގެ ބިންގާ އަޅުގަނޑުމެންގެ ހިތުގައި އެޅުނީ މިފަދަ ގައުމީ މުނާސަބާތައް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ސަބަބުން ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އެހެން ކަމުން މިނިވަން ދުވަސް މިހާ ކުލަގަދަ ކޮށް ފާހަގަ ކުރުމުގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް ނުބެލެވެ އެވެ. އެއީ ބޮޑުވަމުން އަންނަ މިއަދުގެ ޅަ ޖީލަށް ގައުމީ ލޯބި ދަސްކޮށްދޭ ކަންކަމެވެ.

ކޮންމެއަކަސް މިނިވަން ކަމުގެ އުފާ އިހުސާސް ކުރެވޭނީ އަޅުވެތިކަމުގެ ރަހަ ލިބިފައިވާނަމަ އެވެ. އެހެން ކަމުން ލިބިފައިވާ މިނިވަންކަމަށް ޝުކުރުކޮށް އެކަން ފާހަގަ ކުރުމަކީ އޮތް ކަމެކެވެ.