ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ކާޑޭޝަން އާއިލާއަށް ނިސްބަތްވާ މަޝްހޫރު ރިއަލިޓީ ސްޓާރު ކައިލީ ޖެނާ އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

"ދަ ކާޑޭޝިއަންސް" ސީޒަން 3ގެ ފިނާލޭގައި ވާހަކަ ދައްކަމުން ކައިލީ ބުނީ އޭނާގެ ފުރާވަރުގައި ހަށިގަނޑު ރީތިކުރުމަށް ޕްލާސްޓިކް ސާޖަރީ ހެދި ކަމަށެވެ.

ކައިލީ ބުނީ އޭނާ ސާޖަރީ ހެދީ ދަރިފުޅު ސްޓޯމީ ލިބުމުގެ ކުރިން ކަމަށާއި އެހެން ނަމަވެސް އެއީ އޭނާ މިހާރު ހިތާމަކުރާ ކަމެއް ކަމަށެވެ.

ސާޖަރީ ހެދުމުގެ ކުރިން ވެސް އޭނާގެ ހަށިގަނޑު ވަރަށް ރީތި ކަމަށާއި އަލުން ފުރުސަތެއް ލިބިއްޖެނަމަ އޭނާގެ ނިންމުން މުޅި ތަފާތުވާނެ ކަމަށެވެ.

"ވިހި އަހަރުގައި ދަރިއަކު ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރަން. އެހެންވެ ޕްލާސްޓިކް ސާޖަރީ ހެދީ އުމުރުން ނަވާރަ އަހަރުގައި،" ކައިލީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ކައިލީ ބުނީ އޭނާގެ ވެސް އަންހެން ދަރިއަކު އެބަހުރި ކަމަށާއި ދަރިފުޅު ސްޓޯމީ ޕްލާސްޓިކް ސާޖަރީ ހަދައިފި ނަމަ އޭނާ ވަރަށް ދެރަވާނެ ކަމަށެވެ.

ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ކައިލީ އެއްބަސްވެފައި މިވަނީ އެކަމުގެ އަޑުތައް މީޑިއާގައި ދައުރުވާތާ އެތައް އަހަރެއް ފަހުންނެވެ.