ކޭޝިއަރެއް، ސޭލްސްމަނެއް ނުހުންނަ އާޓިފިޝަލް އިންޓެލިގެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ އެސްޓީއޯގެ ފިހާރަ މިއަދު ހުޅުވައިފިއެވެ.
މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސްމާޓް ފިހާރަ އެވެ.
ހުޅުމާލޭގެ ސެންޓްރޯ މޯލްގެ ކުރިމަތީގައި ކުރިން އެސްޓީއޯ މާޓް ހިންގި ތަނުގައި ތަރައްގީ ކުރި "އެސްޓީއޯ ސްމާޓް ސްޓޯރު" ހުޅުވައިދެއްވީ އެކަމަށްޓައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނާއިބު ރައީސް ފައިސަލް ނަސީމެވެ.
އެ ފިހާރައިގައި ކޭޝިއަރެއް ނުހުންނައިރު އެ ތަނުގައި ހުންނަ ހާއްސަ ކެމެރާތަކުން ހުރިހާ ކަމެއް މޮނީޓާކުރާނެ އެވެ.
އެ ފިހާރައަށް ވަނުމުގެ ކުރިން ކިއުއާރު ކޯޑެއް ސްކޭން ކުރުމުން އެ ފިހާރައިގެ ހާއްސަ އެޕް އެޅޭނެ އެވެ. އަދި ރަޖިސްޓްރީކުރުމަށްފަހު ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނެ އެވެ. އޭގެ ފަހުން އެ ތަނުން އެއްޗެއް ނަގައިގެން ކެޔަސް އަދި ފިހާރައިން ނުކުންނައިރު ހިފައިގެންދާ އެއްޗަށް ކޭޝްކާޑުން ކެނޑޭނެ އެވެ. އެގޮތަށް ކެނޑެނީ ޓޯކަނައިޒޭޝަން ކިޔާ ފީޗާ އެއް ބޭނުންކޮށްގެންނެވެ.
މި ފިހާރަ ހުންނަނީ ހުޅުމާލޭ ފޭސް ވަންގެ ފިހާރަ ބަރިތަކުގައި، ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގަ އެވެ.
އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސް އާއި އަދި އެންޑްރޮއިޑް އިން ވެސް މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.
އެ ފިހާރައިގައި ދިވެހިން އާންމުކޮށް ގަނެއުޅޭ ވަރަށް ގިނަ ބާވަތުގެ ތަކެތި ލިބޭނެ އެވެ. އެ ފިހާރަ ހުޅުވާފައި ހުންނާނީ އާންމު ގަޑިތަކުގަ އެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ފައިސަލް ވިދާޅުވީ އެ ފިހާރައަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި ފަހަކަށް އައިސް ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. ހަމަ އެެހެންމެ ރާއްޖެއަށް ވެސް އެފަދަ ބަދަލުތަކުން ފައިދާ ލިބޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ޔޫތު އަދި ހާއްސަކޮށް ރައްޔިތުންނަކީ މިކަހަލަ ކަންކަމަށް ވަރަށް ފަސޭހައިން އަހުލުވެރިވާނެ. ދުނިޔެއަށް ތައާރަފްވެެގެންދާ އާ ކަމަކަށް ވަރަށް ފަސޭހައިން އެޑެޕްޓްވަނެ،" އެމަނިކުފާނު ވިދާޅުވި އެވެ.