ވޮޝިންޓަން (16 ޖެނުއަރީ) - އެމެރިކާގެ 46 ވަނަ ރައީސަކަށް ޖޯ ބައިޑެން އަންނަ ބުދަ ދުވަހު ހުވާކުރުމުގެ ރަސްމިޔާތު ބޭއްވުމުގެ ކުރިން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް ދޫކޮށްލައްވާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ވައިޓްހައުސްގެ އިސް އޮފިޝަލު ވިދާޅުވީ ބުދަ ދުވަހުގެ ހެނދުނު ވަގުތެއްގައި ޓްރަމްޕް ވައިޓްހައުސް ދޫކޮށް، ފޮލޮރިޑާގައި ހުންނަ އޭނާގެ މާރް އެ ލެގޯ ގޮލްފް ކްލަބް ރިސޯޓަށް ބަދުލުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެތަން ވެގެންދާނީ ޓްރަމްޕް ދިރިއުޅުން ބަދަލުކުރާ ގެއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ވެރިކަންކުރި ރައީސުންގެ ތެރެއިން އަލަށް އިންތިހާބު ކުރެވޭ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ ހަތަރު ވަނަ ރައީސް އަށެވެ. މީގެ ކުރިން ތިން ރައީސަކު ވަނީ އެ މީހުންގެ ދައުރު ނިމި އަލަށް އިންތިހާބު ކުރެވުނު ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ދެ ވަނަ ރައީސް ޖޯން އެޑަމްސް، އެމެރިކާގެ ހަ ވަނަ ރައީސް ޖޯން ކްއިންސީ އެޑަމްސް އަދި އެމެރިކާގެ 17 ވަނަ ރައީސް އެންޑްރޫ ޖޯންސަން އެވެ.

ޓްރަމްޕް ހިމެނެނިވަޑައިގަންނަވަނީ އެއްގޮތަށް ވުރެގިނަ ގޮތްގޮތުން އެމެރިކާގެ ތާރީހުގައި ފާހަގަ ކޮށްލެވޭނެ ރައީސްއަކަށެވެ.

އެމެރިކާގެ ގިނަ ރައީސުންގެ ދައުރު ނިމި އަލަށް ހަވާލުވެވަޑައިގަންނަވާ ރައީސްއަކަށް ބާރުތައް ސުލްހަވެރިކަމާއެކު ބަދަލުކުރުމުގެ ސަގާފަތެއް އަބަދުމެ ގެންގުޅެ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން އިންތިހާބު ކާމިޔާބުކުރައްވާ ރައީސް އަބަދުވެސް ވައިޓްހައުސްއަށް ސައިފޮދަކަށް ދައުވަތު ދީ ހެދުމަކީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކައި، އެކަކު އަނެކަކަށް އޮންނަ އިހްތިރާމް ދައްކުވައިދޭ ސަގާފަތެއްގެ ގޮތުގައި އޮންނަ ކަމެކެވެ. ނަމަވެސް ޓްރަމްޕް ވަނީ މިކަންވެސް ނުކޮށް ދޫކޮށްލައްވާފަ އެވެ. އެކަމަކު ނައިބުރައީސް ޕެންސް ވަނީ އަލަށް އިންތިހާބުކުރެވުނު ނައިބު ރައީސް ކަމާލާ ހެރިސް އަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވާފަ އެވެ.

ޓްރަމްޕްގެ ސަޕޯޓަރުން މިމަހު ހަވަނަ ދުވަހު ކޮންގްރެސް އިމާރާތަށް ގަދަކަމުން ވަދެގަނެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ލޫޓުވައި، ހިންގި ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ޓްރަންޕް ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެ، ކޮންގްރެސްގެ ދެ ގޭގެ މެޖޯރިޓީ އޮތް ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން އަދި އިދިކޮޅު ބައެއް މެމްބަރުންގެ ވޯޓާއެކު ޓްރަމްޕް ވަނީ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފަ އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް ރައީސަކު ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާ ސިފައިން ހަތިޔާރާއެކު ވޮޝިންޓަންގައި ހަރަކާތްތެރިވަނީ

ބައިޑެން ރަސްމިއްޔާތަށް ވޮސިންޓަންގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެމެރިކާގެ ތާރީހުގައި ވެސް ރައީސަކު ހުވާކުރުމުގެ ރަސްމިއްޔާތަށް މިހައި ގިނަ ސަލާމަތީ ހިދުމަތްތަކުގެ މެމްބަރުން ބޭނުންކޮށްފައެއް ނުވެ އެވެ.

ޕެންޓަގަން އިން ވަނީ ހަތިރާއެޅި އެމެރިކާގެ ގުރޫޕްތަކުން ހަމަލަ ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން 20،000 ނޭޝަނަލް ގާޑުގެ ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހަށް ވޮސިންޓަނަށް ޖަމާވާނެ ކަމަށް ބުނެފަ އެވެ. މިހާރުވެސް ވޮޝިންޓަންގައި ތިބި ސިފައިންގެ އަދަދު އަފްގާނިސްތާން، އިރާގް އަދި ސީރިއާގައި ތިބި އެމެރިކާ ސިފައިންގެ އަދަދަށްވުރެ ގިނަ އެވެ. – ސްޓްރެއިޓް ޓައިމްސް