އިނގިރޭސި ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓްގެ އާ އަލްބަމް "ޔޫޓޯޕިއާ"ގައި އޭނާއާއި ކައިލީ ޖެނާގެ ދަރިފުޅު ސްޓޯމީ ވެބްސްޓާގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ އެވެ.

އެ އަލްބަމްގެ "ތޭންކް ގޯޑް" ނަަމަކަށް ކިޔާ ލަވައެއްގައި ކައިލީއާއި ޓްރޭވިސްގެ ފަސް އަހަރުގެ ދަރިފުޅު ސްޓޯމީގެ ނަން ވެސް ބޭނުން ކޮށްފައިވެ އެވެ. އެއަށްފަހު ހަމަ އެލަވައިގައި ސްޓޯމީގެ އަޑުން ވެސް ކުޑަ ތަންކޮޅެއް އިވިގެންދެ އެވެ.

އުމުރުން 32 އަހަރުގެ ޓްރެެވިސްއާއި 25 އަހަރުގެ ކައިލީގެ ދެ ދަރިން ތިބެ އެވެ. އެއީ ފަސް އަހަރުގެ ސްޓޯމީއާއި ދޮޅު އަހަރުގެ އެއިރީ އެވެ.

މިއީ މައިންބަފައިންގެ މަސައްކަތުގައި ސްޓޯމީ ފެނިގެންދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ސްޓޯމީ ވަނީ އޭނާގެ މަންމައާއެކު " ދަ ކާޑޭޝަންސް"ގެ އެޕިސޯޑަކުން ވެސް ފެނިގެން ގޮސްފަ އެވެ.

ދެ ކުދިން ލިބިފައިވާ ކައިލީ އިތުރު ދަރިއަކު ބޭނުންތޯ ސުވާލު ކުރުމުން އޭނާ ބުނީ އޭނާގެ ހިތުގައި ވަކި ނަމްބަރެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް ކަމަށެވެ.