ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ކާނިވަލް މިރޭ ހުޅުވަން ނިންމައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވާ ރަސްމީކޮށް ހުޅުއްވައި ދެއްވާނީ މިރޭ 8:00 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

"މިނިވަން އުފާ" ކާނިވާ ކުރިން ހުޅުވާގޮތަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހުގެ ރޭގަނޑެވެ. ނަމަވެސް ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތީންނެވެ.

ކާނިވާ ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކު މިއަދު ހަވީރު 4 އިން ފެށިގެން ބަންދުވާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.

މިނިވަން އުފާ ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

މި ކާނިވަލުގައި ކުރިއަށްދާނެ ހާއްސަ ހަރަކާތްތަކަށް ބަލާއިރު، ޓޫރިޒަމް މިނިސްޓްރީއާއި ބީއެމްއެލްއާއި ދިރާގު ގުޅިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ޝޯ ހިމެނެ އެވެ. އަދި ރެޑްބުލްއާ ގުޅިގެން ބާއްވާ ޕެރަ މޮޓޯގެ ހަރަކާތްތަކުގެ އިތުރުން، ހަވާ އެރުމުގެ ހަރަކާތް ވެސް އޮންނާނެ އެވެ.

މި ކާނިވަލްގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ދިގުދަނޑި ހިނގުން، އެކްރޮބެޓްސް، ޖަގްލށސް، ބިރުވެރި ހޮހޮޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާކް، ލޭޒާ ޕާކެއް ވެސް ހިމެނެ އެވެ.

ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެ އެވެ.

ކާނިވަލުގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30 އިން 6:00 އަކަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މިރޭ ހުޅުވާ "މިނިވަން އުފާ ކާނިވާ" އަންނަ މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.