ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހާ ގުޅޭގޮތުން ދައްކަވާ ސާބިތު ނުހިފޭ ވާހަކަތަކަށް ރައްދު ދޭން ވަގުތު ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިހެން ވިދާޅުވީ ރައީސް ސޯލިހާއި މަސްތުވާތަކެއްޗާ ގުޅުވާ ރައީސް ނަޝީދު ރޭ އައްޑޫސިޓީގެ ފޭދޫގައި ވާހަކަފުޅުދައްކަވަމުން ބޮޑު ތުހުމަތެއް ކުރައްވާފައި ވަނިކޮށެވެ.
ސާބިތު ނުހިފޭ، ސިޔާސީ އެކަހަލަ ވާހަކަތަކަށް ރައްދު ދޭނެ ވަގުތެއް ނެތް،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ރައީސް ސޯލިހުގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދަވާކަން މިދިޔަ ފަސް އަހަރު ތެރޭގައި ދައްކަވާފައިވާ ކަމަށެވެ.
ދާދި ފަހުން އުފެއްދި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ނަޝީދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއާއެކު އައްޑޫއަށް ރޭ ވަޑައިގެން ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން މާ ގިނަ ކަމަށެވެ. އެހެންވީމަ މަސްތުވާތަކެތީގެ ފަސް ގްރާމް ގެންގުޅޭ މީހުންނަށް އަޅާލެވޭކަށް ނެތް ކަމަށާއި، ޓްރެފިކް ކުރާ މީހުންނަށްވެސް އަޅާ ނުލެވޭ ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ އެކިއެކި ފަރާތްތަކުން ފައިސާ ހޯދުމަށް ހިންގާ އެންމެ ބޮޑު އެއް ވިޔަފާރިއަކީވެސް މަސްތުވާތަކެތީގެ ވިޔަފާރި ކަަމަށް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަރަށްބޮޑަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑު ވިދާޅުވި އެވެ.