އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ނިންމަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ ދިވެހި ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދުގައި މި އަހަރު ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވާ ކަމަށެވެ.

ފާރިސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ 1،500 ސޮއި ހަމަކޮށްފަ އެވެ.

ފާރިސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އީސީ އިން ނިންމުމާއި ގުޅިގެންނެވެ. އެ ނިންމުން ބާތިލްކޮށްދިނުމަށް އެ ޕާޓީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައި ހުކުމް ކުރެވެންދެން އެ ޕާޓީއަކީ އުވާލެވިފައިވާ ޕާޓީއެއް ކަމުގައި ނުބެލުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އެމްއާރުއެމްއިން ވަނީ ފާރިސަށް އެޕާޓީގެ ރިޔާސީ ޓިކެޓް ވެސް އަރުވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ފަރާތްތަކުން މިހާރު އަންނަނީ އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހަޅަމުންނެވެ. މާދަމާ ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅާފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

މީގެ އިތުރުން ރައީސް ޔާމީންވެސް ފޯމް ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެފޯމު ބާތިލުކޮށްފަ އެވެ. މިކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަޙެޅި މައްސަލާގައި ނިންމާފައި ވަނީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަމަށެވެ.