އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ފޯމް ހުށަހެޅުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ބައިވެރިވި އެވެ. އުމަރުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ހަވާލުވީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.
އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އޭނާއާއެކު އޭރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހަހްމަދު ސަލީމް (މާޒް ސަލީމް) އެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އޭނާއަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި ހުށަހަޅަންޖެހެ އެވެ. ގާނޫނުގައި ބުނާ އަދަދަށްވުރެ އިތުރަށް ސޮއި ހޯދާފައިވާ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.
މިއީ ރިޔާސީ އިންތިހާބުގައި އުމަރު ވާދަ ކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރިއިރެއްވި ނަމަވެސް ލިބުނީ މަދު ވޯޓެކެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދު 14:00 އަށް ހަމަވާއިރު، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބީ ޝަރުތު ހަމަވާކަމަށް އެ ކޮމިޝަނުން މިހާތަނަށް އިއުލާން ކޮށްފައިވަނީ ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ އެވެ.
އުމަރުގެ އިތުރުން މިއަދު އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ބަދަލުގައި އިދިކޮޅުން ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެންސީ ފޯމު ވެސް ވަނީ އީސީއަށް ހުށަހަޅާފަ އެވެ. އަދި އެކަމަކު އީސީން ގޮތެއް ނުނިންމަ އެވެ.
އުވާލާފައިވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފައިވެ އެވެ. ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަމިއްލަ ގޮތުން ވާދަކުރައްވާނެކަން ކުރިން އިއުލާންކުރެއްވި ނަމަވެސް ފަހުވަގުތު ކެންޑިޑެންސީއާއިގެން ކުރިއަށް ނުދާނެ ކަމަށް މިއަދު ވަނީ ވިދާޅުވެފަ އެވެ.