ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އައު އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފި އެވެ. އަދި، އެމަނިކުފާނު ވަނީ ދ. ކުޑަހުވަދޫއަށް ވަޑައިގެންނެވުމުގެ ކުރިން އިއްޔެ ދ. މާއެނބޫދޫއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފަ އެވެ. ރައީސް މި މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަހުވަދޫގައި ރައީސް މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް އިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް އިމާރާތެއް ތަޅާލުމަށްފަހު، 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް އިމާރާތެކެވެ.

އިއްޔެ ހުޅުއްވައިދެއްވި، ދ. މާއެނބޫދޫ ފުޓްސަލް ދަނޑަކީ އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެކެވެ. މި ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަވާފައި ވަނީ އާރުޖޭ އިންޓަނޭޝަނަލް ލިމިޓެޑާ ހަވާލުކުރައްވައިގެނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގާފަ އެވެ.