ސިދްހާތު މަލްހޯތުރާއަކީ މިހާރު ބޮލީވުޑްގެ ޒުވާން ތަރިންގެ ތެރެއިން އެންމެ އުހުގައި ގުނާލެވޭ އެއް ފަންނާނެވެ. 2012 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިއާ"އިން ބޮލީވުޑަށް ތައާރަފްވި ސިދްހާތު ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފަ އެެވެ.

އެހެން ނަމަވެސް ސިދްހާތު ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އެ ދާއިރާގައި އޭނާއަށް ލިބޭނެ ކާމިޔާބާ މެދު ގިނަ ބަޔަކު ސުވާލު ކުރި އެވެ. އޭގެ ތެރެއިން އެކަކަކީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން އެވެ.

2012 ވަނަ އަހަރު ސަލްމާންގެ ގޭގައި ބޭއްވުނު ޕާޓީއެއްގެ ތެރެއިން ސިދްހާތު ސަލްމާނަށް ތައާރަފް ކުރެވުމުން ސަލްމާން ވަނީ ސިދްހާތަށް ބޮލީވުޑުގައި ކާމިޔާބު ލިބޭނެ ކަމާމެދު ޝައްކުވާ ކަމަށާއި އެހެން ކަމުން އެންމެ ރަނގަޅު ވާނީ އޭނާ ޓީވީ ސީރީޒްތަކަށް އެކްޓް ކުރުން ކަމަށް ބުނެފަ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިދްހާތު ބުނީ ސަލްމާންގެ އެ ވާހަކަތައް ނުބައި ގޮތަކަށް ނުނަގާ ކަމަށާއި ސަލްމާންގެ ފަރާތުން ލިބުނު ނަސޭހަތްތަކާމެދު މަޝްވަރާ ވެސް ކުރި ކަމަށެވެ.

އޭގެ ފަހުން ސަލްމާން ހުށައަޅައިދޭ ބިގްބޮސްގެ ސްޓޭޖުގައި "ސްޓޫޑަންޓް އޮފް ދަ އިއާ" ޕްރޮމޯޓު ކުރަން ސިދްހާތު އައުމުން ސަލްމާން ވަނީ ސިދްހާތަށް ކާމިޔާބު ނުލިބޭނެ ކަމަށް ބުނީ އޭނާ އިތުރަށް މަސައްކަތް ކުރަން ހިތްވަރުދީ ބާރު އަޅުވަން ކަމަށެވެ.

އެއަށްފަހު މިވީ އަހަރުތަކުގެ ތެރޭގައި ސިދްހާތާއި ސަލްމާންގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.