ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމް އިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމުން ވަކިވެ ވަޑައިގަތްކަން ރައީސް ވަހީދު އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ވަޙީދު ވިދާޅުވީ އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުނަރުތަކާއި، ތަޖުރިބާ އާއި، އިލްމު ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ފައިދާ ލިބޭނެ ފަދަ މާހައުލެއްގައި މަސައްކަތް ކުރެއްވުމަށްޓަކައި ކަމަށެވެ.
މީގެ 10 އަހަރު ކުރިން އެ ޕާޓީއާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ ސަރުކާރުގައި ގާއިމުކުރި ހަމަޖެހުމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށާއި އެ ކަންކަމުގެ ނަތީޖާ މިއަދު ފެންނާތީ އުފާކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ރައީސް ވަހީދު އެ ޕާޓީން ވަކިވެވަޑައިގަތްއިރު، އެމަނިކުފާނު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ އަޑުތައް ފެތުރުނެވެ. އެމަނިކުފާނު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުށުގެ ރެކޯޑު ވެސް ސާފު ކުރައްވާފަ އެވެ.
ރައީސް ވަހީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ނައިބު ރައީސެވެ. ނަޝީދު އިސްތިއުފާ ދެއްވުމުން އެމަނިކުފާނު ވަނީ ރައީސް ކަމުގެ ހުވާ ކުރައްވައިފަ އެވެ.