އޮސްލޯ (18 ޖެނުއަރީ) - ކޮރޯނާ ވައިރަސްއާ ދެކޮޅަށް އެމެރިކާގެ ކުންފުނި ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން ނޯވޭގައި ދިން 23 މީހަކު މަރުވެއްޖެ ކަމަށް ބުނެފި އެވެ.

ނޯވޭގެ ޑްރަގް އެޑްމިނިސްޓްރޭޝަން އިން ބުނިގޮތުގައި މަރުވި 23 މީހުންނަކީ ވެސް 80 އަހަރުން މަތީގެ މީހުން ކަމަށެވެ. މިކަމާ ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތްއާ ގުޅިގެން ތަހުގީގުތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ބުނެފަ އެވެ. އަދި މި ތަހުގީގުތަކުގެ ނަތީޖާއަކާ ހަމަޔަށް ވާސިލް ވަންދެން ވެކްސިން ދިނުމުގައި އަމަލުކުރާނެ ގައިޑްލައިނަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ނޯވޭގެ ޑްރަގް އެޑްމިނިސްޓްރޭޝަންގެ ޗީފް ފިޒީޝަން ސިގާޑް ހޯޓެމޯ ވިދާޅުވިގޮތުގައި މަރުވި މީހުންނަކީ އެހެނިހެން ބަލިތަކަށް ވެސް ގިނަ ދުވަސްވަންދެން ފަރުވާ ހޯދަމުންދާ ބައެކެވެ. އަދި ވެކްސިން ޖެހުމުން އެ މީހުންނަށް ސައިޑް އިފެކްޓްގެ ގޮތުގައި ހުން އައުމާއި ހޮޑުލުން އަދި ބޯއެނބުރުން ފަދަ ކަންކަން ދިމާވި ކަމަށެވެ.

ސިގާޑް އިތުރަށް ފާހަގަކުރި ގޮތުގައި އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވުން ސަބަބަކަށް ވެދާނެ އެވެ. އަދި ދިގު މުއްދަތަކަށް އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދާ ނަމަ ކޮރޯނާ ވައިރަސް އަށް ވެކްސިން ނުޖަހަން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަންކަމާ ގުޅިގެން ފައިޒާ އިން ނެރުނު ބަޔާނުގައި ނޯވޭގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް ކައިރިން މިކަންކަން ބަލަމުން ގެންދާ ކަމަށް ބުނެފައިވެ އެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ނޯވޭގައި ދިމާވި ކަންތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ބުނެފަ އެވެ. – ވައިސީ ނިއުސް