ބޮލީވުޑްގެ އަރަމުން އަންނަ ތަރި ކާތިކް އާރްޔަން 2023 އަހަރު ނިމުމުގެ ކުރިން ކައިވެނި ކޮށްފާނެ ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފި އެވެ.

ކަރަން މިހެން ބުނެފައިވަނީ މިހާރު މެލްބަންގައި ކުރިއަށްދާ އިންޑިއަން ފިލްމް ފެސްޓިވަލްގެ ތެރެއިން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.

ސަމާސާ ރާގަކަށް ކަރަން ބުނެފައިވަނީ ކާތިކް ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށާއި އެއީ ބޮލީވުޑްގެ ބޮޑު ކައިވެންޏަކަށް ވާނެ ކަމަށެވެ.

ކާތިކްއާއި ކަރަން އެއް ސްޓޭޖެއްގެ މަތިން ފެނިފައި މިވަނީ އެ ދެމީހުންގެ މެދުގައި މައްސަލަތަކެއް އުޅޭކަމަށް ހަބަރުތައް ބުނެފައިވަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކާތިކްގެ ސަބަބުން ކަރަންއަށް 20 ކްރޯޑް ރުޕީސްގެ ގެއްލުމެއް ލިބުނެވެ.

އައިފާ އެވޯޑްސް 2023 ގެ ތެރެއިން ކާތިކް އާރްޔަންއަށް ވަނީ " ދަ ރައިޒިން އިންޑިއަން ގްލޯބަލް ސުޕަސްޓާ" ގެ އެވޯޑް ލިބިފަ އެވެ.

ކާތިކް އާރްޔަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކިއާރާ އަދްވާނީއާއެކު މިއަހަރު ނުކުތް "ސަތުޔާ ޕްރޭމް ކީ ކަތާ" އިންނެވެ. މި ފިލްމަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެވެ.