ނިކް ޖޯނަސްއަކީ އެ އާއިލާއަށް ލިބިފައިވާ ވަރަށް ބޮޑު ނަސީބެއް ކަމަށް ބުނެ ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފިރިމީހާއަށް ތައުރީފް ބަންޑުން ކޮށްލައިފި އެވެ.

ނިކް ޖޯނަސްގެ އެންމެ ފަހުގެ ކޮންސެޓުގެ ތެރެއިން ބައެއް ފޮޓޯތައް ހިއްސާކޮށް ޕްރިޔަންކާ އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އޭނާއާއި އޭނާގެ ދަރިފުޅަށް ނިކް ކަހަލަ މީހަކު ލިބުނީތީ އުފާކުރާ ކަމަށެވެ.

އެ ފޮޓޯތަކުގައި ނިކްއާއި ޕްރިޔަންކާ އެ މީހުންގެ ދަރިފުޅު މާލްތީ މޭރީ ޗޯޕްރާ ޖޯނަސް ކޮންސެޓްގެ ތެރެއިން ވަގުތު ހޭދަކުރާ މަންޒަރު ފެނެ އެވެ.

ޕްރިޔަންކާގެ ޕޯސްޓް ކޮށްފައި މިވަނީ ނިކްގެ ކުރިއަށް އޮތީ ގްލޯބަލް މިއުޒިކް ޓުއާއާ ދިމާކޮށްފަ އެވެ. އެގޮތުން ޕްރިޔަންކާ ވަނީ ނިކްގެ ޓުއާ ކާމިޔާބު ވުމަށް އެދި ހެޔޮ އެދުންތައް ވެސް ފޮނުވާފަ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ނިކްއާއި ޕްރިޔަންކާއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.