ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިން ތައްޔާރުކޮށް ހެލްތް ޕްރޮޓެކްޝާން އެޖެންސީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފި އެވެ.
ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އޮތަސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ގާނޫނު ވެސް އިސްލާހު ކޮށްފަ އެވެ.
އިލެކްޝަނަށް ފޮނުވާފައިވާ ގައިޑްލައިން އަދި އިންތިޚާބު ބާއްވާ ތާރީޚާ ބެހޭ ގޮތުން އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެ އެވެ. މި ކޮމިޓީގައި ސިޔާސީ ޕާޓީތައް ވެސް ހިމެނެ އެވެ.
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، އިންތިޚާބު ކުރިއަށް ގެންދަންވާނީ، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް ފާސްކުރި އިސްލާހުގައިވެ އެވެ. އަދި އިންތިޚާބުގެ ކަންކަން ފެށުމަށް އިލެކްޝަނަސް ކޮމިޝަނުން ނިންމާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތައް އެކުލަވާލާ އާންމުކުރަންވާނެ ކަމަށް ވެސް މަޖިލީހުން ގެނައި އިސްލާހުގައިވެ އެވެ.
އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހުން ވެސް ހިމެނެ އެވެ. އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ބޭއްވޭގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މި އިސްލާޙުތަކަށް މަޖިލިސްގައި ބަހުސްކުރިއިރު އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ޖުލައި މަހު އިންތިޚާބު ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މި ޙާލަތުގައި އިންތިޚާބު ބާއްވަންޖެހޭތޯ ވެސް ސުވާލު އުފައްދާފަ އެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް ހައްދަވާ ގައިޑްލައިންއަކަށް އިލެކްޝަންސް ކޮމިޝަނަށް މިނިވަންކަމާއެކު އިންތިޚާބު ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ވިދާޅުވި އެވެ. އަދި މިޙާލަތުގައި އިންތިޚާބު ބޭއްވުމަށް އިތުރު ޚަރަދުތައް ހިނގާނެކަން ވެސް ފާހަގަކުރެއްވި އެވެ.