ނިއުދިއްލީ (19 ޖެނުއަރީ) - އިންޑިއާގެ ކުންފުނި ބާރަތު ބަޔޯޓެކުން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން ސީރިއަސް ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި، ދިފާއީ ނިޒާމް ބަލިކަށި މީހުން ނުޖެހުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެކުންފުނިން ބުނިގޮތުގައި ވެކްސިން ޖަހަން ބޭނުންވާ މީހުން އެ މީހުންގެ ސިއްހީ ހާލަތާއި، އެހެން އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމެއް ކުރިއާލައި އަންގަން ޖެހޭނެ އެވެ. މީގެ ތެރޭގައި އެލާޖިކް މައްސަލަތަކާއި ހުންއައުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

މި ވެކްސިން ޖަހާ މީހުންގެ ފަރާތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ނޭވާލަން އުނދަގޫވުމާއި، މޫނާއި ކަރު ދުޅަވުން، ހާޓްރޭޓް އަވަސްވުން، ގައި ހިރުވުމާއި، ބޯއެނބުރުން އަދި ވަރުބަލިވުން ފަދަ ކަންތައްތައް ހިމެނޭކަށް އެކުންފުނިން ބުންޏެވެ.

ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިނަށް އިންޑިއާ ސަރުކާރުން ހުއްދަ ދިނުމުން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ މީހުން ފާހަގަ ކުރިގޮތުގައި އެހެން ވެކްސިންތަކަށް ގައުމުތަކުގެ ސަރުކާރުން ހުއްދަދެނީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކާއި އަދި އެހެނިހެން ވަރަށް ބައިވަރު ދިރާސާތަކުގެ ނަތީޖާއަށް ބަލާފައި ކަމަށާއި، ނަމަވެސް ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިން މިފަދަ ޑޭޓާތައް އެ މީހުން އާންމުކޮށްފައެއް ނުވެ އެވެ. އަދި ސަރުކާރުން ވެސް މިކަން ކޮށްފައެއް ނުވެ އެވެ.

ވެކްސިންގެ ޑޭޓާތަކަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އާންމުންގެ މެދުގައި ވެކްސިނަށް އިތުބާރު ބޮޑުކުރެވޭނީ މިފަދަ ކަންކަން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކޮށްގެންކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އިންޑިއާއިން ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމް ވަނީ ފައްޓާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން އިންޑިއާގެ އެކި ސްޓޭޓްތަކުގައި ވެކްސިން ދިނުމަށް ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަމުން އެބަދެ އެވެ. އިންޑިއާގެ ސަރުކާރުން ހާމަކުރި ހިސާބުތަކުން އެނގޭގޮތުގައި ފާއިތުވެދިޔަ ތިން ދުވަހު އިންޑިއާއިން 381،305 މީހުންނަށް ވެކްސިން ދީފައިވެ އެވެ.

އިންޑިއާ އިން ވަނީ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމުގެ އަމާޒު ހިފާފަ އެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައިވަނީ އެ ގައުމުގެ 30 މިލިއަން ސިއްހީ ހިދުމަތްތެރިންނާއި އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި އޭގެ ފަހުން އެގައުމުގެ 50 އަހަރުން މަތީ މީހުންނާއި ހައިރިސްކް ކެޓަގަރީގައި ހިމެނޭ 270 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ އެވެ. އިންޑިއާއިން އުންމީދު ކުރާގޮތުގައި މި ކެޓަގަރީތަކުގެ މީހުންނަށް ކުރިއަށް އޮތް 6 ނުވަތަ 8 މަސްދުވަސް ތެރޭގައި ވެކްސިންދީ ނިންމާ ލެވޭނެ އެވެ.

އިންޑިއާއިން ވަނީ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޮކްސްފޯޑްގެ އެސްޓްރާ ޒެނެކާ ވެކްސިން އަދި އެ ގައުމުގެ ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފަ އެވެ.

ބާރަތު ބަޔޯޓެކުން އުފެއްދި ވެކްސިނަށް ހުއްދި ދިންއިރު އަދިވެސް އެކުންފުނިން ކުރިއަށް ގެންދިޔަ ވެކްސިން ޓްރަޔަލްތަކުގެ ޑޭޓާ އާންމުކޮށްފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގިނަ ހޮސްޕިޓަލުތަކުން ސިއްހީ ހިދުމަތްތެރިންނަށް ދެނީ އެސްޓްރާ ޒެނެކާ ވެކްސިނެވެ. އެ ގައުމުން އުފެއްދި ބާރަތު ބަޔޯޓެކްގެ ވެކްސިން ޖެހުމަށް ބައެއް ޑޮކްޓަރުންނާއި ނަރުހުން ބޭނުންނުވާ ކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފަ އެވެ. ސަބަބަކީ ވެކްސިންގެ ޑޭޓާތަށް ހަމަޔަށް ލިބިފައި ނެތުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

އިންޑިޔާއަކީ މުޅި ދުނިޔެއިން ދެވަނަ އަށް ކޮވިޑް ރޯގާއަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އެގައުމުން ވަނީ 10.5 މިލިއަން ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މި ރޯގާގައި އެގައުމުން ވަނީ 152،000 މީހުން މަރުވެފަ އެވެ. – ޔަހޫ ނިއުސް