ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަން ޔަގީންވުމާ އެކު، ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ޓިކެޓް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ ދެ ޕާޓީގެ ސެނެޓުގެ މެންބަރުން ގަނެގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ރާއްޖޭގެ އުތުރަށް މިހާރު ކުރާ ކެމްޕޭން ދަތުރުގައި ށ. ގޮއިދޫ އަށް ވަަޑައިގެން، ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތް ކަމަށާއި ހުރީ ކިރިޔާ ތިން ހާސް ހަމަވާ ކުޑަ ޕާޓީއަކުން ނުކުމެފައި ހުރި ކެންޑިޑޭޓެއް ކަމަށެވެ.

"އެމްޑީޕީ މީހުން ބުނާ ގޮތުން އެއީ، އެ ބޭފުޅުންގެ އެޖެންޓެއް. އެ މީހުން ފައިސާ ދީގެން ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ 25 ވޯޓު ގަތް ބޭފުޅެއް،" މުއިއްޒަށް ޓިކެޓް ދިނުމާ އެކު ހިތްހަމަޖެހިވަޑައިނުގެން ރައީސް ޔާމީންގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވާ އަދި ޕީޕީއެމުން ވެސް ވަކިވެވަޑައިގެންނެވި ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކައިގައި ވަނީ އިދިކޮޅުގައި ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓަކު ހުރުމުން، ހަގީގީ އިދިކޮޅު ލީޑަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެފަ އެވެ. އަދި މުއިއްޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޓެއްގެ ގޮތުގައި ވަހީދު ވަނީ ސިފަ ކުރައްވައިފަ އެވެ.

އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެކަން ޔަގީންވުމާ އެކު ވަހީދު ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ނަމަވެސް އޭގެ ކުރިން މުއިއްޒު ވަނީ ސިއްރިއްޔާތުގައި ހުރިހާ ރޭވުމެއް ރާއްވަވައި އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ޓިކެޓް ހޯއްދެވުމުގެ ހުރިހާ މަގެއް ފަހިކުރައްވައިފަ އެވެ.

މުއިއްޒަށް ޓިކެޓް ދިނުމާ އެކު ވަހީދު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ދެ ދުވަސްތެރޭ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. ވަހީދުގެ އުދާސްތައް ބޭރުކޮށްލެއްވީ ހދ. ކުޅުދުއްފުށީގައި ޖޭޕީން ބޭއްވި ޖަގަހަ ޖަލްސާގަ އެވެ. ވަހީދު ވިދާޅުވީ ރިޔާސީ ޓިކެޓަށް އެމަނިކުފާން ޝައުގުވެރިކަން ފާޅުކުރައްވައި، ކުށުގެ ރެކޯޑް ވެސް ސާފުކުރައްވާފައި ވަނިކޮށް ޕީޕީއެމުން އެ ފުރުސަތު ނުދިނުމަކީ 10 އަހަރު އެ ޕާޓީ އަށް ކުރި ޚިދުމަތުގެ އަގު ވަޒަން ނުކުރުން ކަމަށެވެ. އަދި އެ ޕާޓީން ކަންތައް ކުރީ ރައީސް ޔާމީން އެންގެވި ގޮތާ ޚިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.

ވަހީދަށް ރައްދު ދެއްވާ ޕީއެންސީގެ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ވަހީދަކީ ރިޔާސީ ޓިކެޓަށް ތިރިކޮށްލި ބާޒެއް ކަމަށެވެ.