މައްކާ (އޮގަސްޓް 23) - ސައުދީ އަރަބިއާގެ މައްކާ އަށް އިއްޔެ އައި ބާރުގަދަ ތޫފާނުގައި ހަރަމްފުޅާ ޖެހިގެން ހުންނަ ކްލޮކް ޓަވަރަށް ހޮނު އަޅައި، ހަރަމްގައި އަޅުކަމުގައި އުޅުނު ބައެއް އުމްރާވެރިން ގަދަ ވަޔާ އެކު އުކާލައިފި އެވެ.
މައްކާގެ އިތުރުން ޖިއްދާގައި ވެސް ވަނީ ތޫފާނުގެ ސަބަބުން ފެންބޮޑުވެ މަގުމަތީގައި ހުރި ހޮޅިގަނޑިތައް ވެއްޓިފަ އެވެ.
ބާރުގަދަ ތޫފާނެއް މައްކާ އަށް އެރި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް އަދި މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. މިއީ އާއްމުކޮށް ދިވެހިން އުމްރާ އަށް ދާ ދުވަސްވަރެއް ނޫނެވެ. އެެހެންވެ ރޭ މައްކާ އަށް ކުރިމަތިވި ބާރުގަދަ ތޫފާނުގައި ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް އެކިއެކި ވަޒީފާތަކުގައި ޖިއްދާގައި ދިވެހިން އުޅެ އެވެ.
މައްކާގެ ކްލޮކް ޓަވަރަށް ހޮނުއަޅައި މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. ފޮޓޯގްރާފަރު ޔޫސުފް ބައްޖާޝް ކިޔާ މީހަކު ވަނީ ކްލޮކް ޓަވަރަށް ހޮނުއަޅައި މަންޒަރު ވީޑީއޯ ކޮށްފަ އެވެ. އަލް އަރަބިއްޔާ ޓީވީ އަށް އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މައްކާ މަތީގައި ވިލާތައް އުފެދުން ފެށުމާ އެކު އޭނާ ވަނީ ހޮނު އަޅައިފާނެތީ އެ މަންޒަރުތައް ނެގުމަށް ތައްޔާރުވެފަ އެވެ.
ސައުދީގެ ނޭޝަނަލް ސެންޓަ އޮފް މީޓީއޮރޮލޮޖީން މިހާރު ވަނީ އެލާޓް ލެވެލް ރަތަށް ބަދަލުކޮށްފަ އެވެ.
ތޫފާން އައި ވަގުތު ހަރަމްފުޅުގައި އަޅުކަމުގައި އުޅުނު މީހުންގެ އިތުރުން ހަރަމްފުޅު ސާފު ކުރަން އުޅުނު މީހުން ވެސް ވަނީ ވަޔަށް ވެއްޓިފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މައްކާގެ ސްކޫލްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.
މައްކާ އަށް ގަަދަ އަށް ވިއްސާރަ ކުރުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ.