ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސިއްސުވާލި ކުއްލި ހަމަލާ ދިން ވެގްނާ ގްރޫޕުގެ ލީޑަރު ޔޯގަނީ ޕްރިގޯޒިން މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި މަރުވެފައިވާ ކަމަށް ރަޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ވެގްނާއާ ގުޅުން އޮންނަ ޓެލެގްރާމް ޗެނަލަކުން ކުރިން ބުނެފައިވާ ގޮތުގައި މަތިންދާ ބޯޓު ވައްޓާލީ މޮސްކޯގެ އުތުރުން އޮނަ ޓްވާ ސަރަހައްދުގެ މަތިން، އެއާ ޑިފެންސްގެ ހަމަލާއެއްގަ އެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ މޮސްކޯ އިން ޕީޓާސްބާގަށެވެ. ބޯޓުގައި ހަތް ޕަސިންޖަރުންނާއި ތިން ކްރޫން ތިބި ކަމަށްވެ އެވެ.

ޓާސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ބޯޓު ވެއްޓުމާ އެކު ވަނީ އަލިފާން ރޯވެފަ އެވެ. މިހާތަނަށް ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ބޯޓު ވެއްޓުނީ ނައްޓާލިތާ ބައިގަޑިއިރެއްހާ އިރުތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އުމުރުން 62 އަހަރުގެ ކުލީ ސިފައިންގެ ވެރިޔާ ވަނީ ޖޫން 23 ގައި ރަޝިޔާގެ ވެރިކަން ވައްޓާލައި ބަޣާވާތެއް ގެނައުމުގެ ނިޔަތުގައި ހަމަލާއެއް ދީފަ އެވެ.

ވެގްނާގެ ހަމަލާ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ސިފަކުރައްވާފައި ވަނީ ވަރަށް ބޮޑު ބޭވަފާތެރި ކަމެއްގެ ގޮތުގައި ކަމަށާ އަދި "ފަހަތުން ބުރަކައްޓަށް ވަޅިޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.