ވޮޝިންޓަން (20 ޖެނުއަރީ) - އެމެރިކާގެ 46 ވަނަ ރައީސްއަކަށް ޖޯ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތު ވޮޝިންޓަންގައި ހުންނަ ކެޕިޓަލް ހިލްގައި ފަށަން ތައްޔާރުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަކީ ވަރަށް ޝަރަފުވެރިކޮށް ބާއްވަމުން އައި ހަފްލާއެކެވެ.
އެ ހަފްލާގައި ބައިވެރިވަޑައިގަންނަވާ މީހުންގެ އެއްވެ މުޅި ކެޕިޓަލް ހިލް އެއްކޮށް ފުރާލަ އެވެ. ނަމަވެސް މިފަހަރުގެ އިވެންޓަކީ ކުރީ އަހަރުތަކާ ހިލާފަށް ވަރަށް ތަފާތު އިވެންޓެކެވެ. އެމެރިކާގައި ކޮވިޑް ރޯގާގެ ހާލަތާއެކު ހަފުލާއަށް ދައުވަތު ދިން މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އަދި މީގެ އިތުރުން ޓްރަމްޕްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި ސެކިއުރިޓީ ލެވެލް ވެސް ވަނީ ވަރަށް ބޮޑަށް މަތިކޮށްފަ އެވެ.
ވޮޝިންޓަންގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނީ އެ މީހުން ދުވަހަކު ވެސް ނުދެކޭހާ ގިނަ ސިފައިން އެއްތަނަކުން މިއަދު ފެނިފައިވާ ކަމަށެވެ. ކުރީ އަހަރުތަކުގައި އާންމުން އެއްވެ ފުރާލާފައި އޮންނަ ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދުގައި މިފަހަރު ގިނައީ ހަތިޔާރާއެކު ތިބި ސިފައިންނެވެ. ސެކިއުރިޓީ ޗެކްޕޮއިންޓްތައް ގިނަކަމުން ދެ ގަޑިއިރާއި 30 މިނިޓް ހުރިހާ ޗެކް ޕޮއިންޓް ހުރަސްކުރުމަށް ނަގާ ކަމަށް ބައެއް ނޫސްވެރިން ބުންޏެވެ.
ޕެންޓަގަން އިން ބުނިގޮތުގައި ރައީސް ޖޯ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 25،000 ސިފައިން ހަރަކާތްތެރިވާނެ އެވެ.
ބައިޑެން ހުވާކުރެއްވުމަށްފަހު، ނައިބް ރައީސް ކަމާލާ ހެރިސް ވެސް އަރިހުގައި ހުންނަވައި ހުވާ ކުރައްވާނެ އެވެ. އަދި ހުވާކުރައްވައި ނިމުމުން ގައުމައި މުހާތަބްކޮށް ބައިޑެން ވާހަކަފުޅު ދައްކަވާނެ އެވެ.
ހުވާކުރެއްވުމަށް ކެޕިޓަލް ހިލް އަށް ވަޑައިގަތުމުގެ ކުރިން ބައިޑެން އަދި ނައިބު ރައީސް ކަމާލާ ހެރިސް ވަނީ ވޮޝިންޓަންގެ ހުންނަ ކެތޮލިކް ކެތީޑްރަލް އަށް ވަޑައިގެން ހެނދުނުގެ އަޅުކަމުގައި ބައިވެރި ވަޑައިގެންފަ އެވެ.
ރައީސް ޓްރަމްޕް ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގަން ވައިޓްހައުސް ދޫކޮށް ފްލޮރިޑާގެ ހުންނަ ގެއަށް ބަދަލުވެފަ އެވެ. ރައީސްކަމުގެ އެންމެ ވަގުތުތަކުގައި ޓްރަމްޕް ވަނީ 73 މީހަކަށް އަފޫއާމް ދެއްވާފަ އެވެ. މީގެ ތެރޭގައި އޭނާގެ ކުރީގެ އެޑްވައިޒަރު ސްޓީވް ބެނޮންވެސް ހިމެނެ އެވެ. – ބީބީސީ