އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯސެފް އާރު ބައިޑެން ކުރައްވައިފި އެވެ.
މިއީ އެމެރިކާގެ ތާރީހުގައި ވެސް ރައީސްކަން ކުރައްވާ އުމުރުން އެންމެ ދުވަސްވީ ބޭފުޅާ އެވެ.
ޖޯ ބައިޑެން 78 އަށް ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ޖަސްޓިސް ޖޯން ރޮބާޓްސް އެވެ.
އެމެރިކާގެ ޑިމޮކްރަސީގެ އެންމެ އިސް ބިނާ، ކެޕިޓަލް ހިލްގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ތިން ރައީސުން ކަމަށްވާ ބިލް ކްލިންޓަނާއި ޖޯޖް ޑަބްލިއު ބުޝް އާއި ބަރަކް އޮބާމާ ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިނުގަންނަވަ އެވެ. މިއީ 150 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރައީސް ބައިވެރިވެވަޑައިނުގަންނަވާ ފަހަރެވެ.
ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ނައިބު ރައީސް މައިކް ޕެންސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ފުރަތަމަ ހުވާކުރެއްވީ ނައިބު ރައީސް ކަމާލާ ހެރިސް އެވެ.
މިއީ އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އަދި ފުރަތަމަ އިންޑިއަން އެމެރިކަން ނަސްލަށް ނިސްބަތްވާ ބޭފުޅާ އެވެ.
ކަމާލާ 56، އަށް ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ޖަސްޓިސް ސޯނިޔާ ސްޓޮމޭޔާ އެވެ.
ރަސްމިއްޔާތުގެ ގައުމީ ލަވަ ކިއުމުގެ ޝަރަފް މިފަހަރު ދީފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އެވެ. މީގެ އިތުރުން ޖެނިފާ ލޮޕޭޒް ވެސް ގައުމީ ލަވާކިޔާފައިވެ އެވެ.