ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ޓްރެއިލާ ރިލީޒް ކުރުން ވަރަށް ކުލަގަދަކޮށް ދުބާއީގެ ބުރުޖް ޚަލީފާގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މާދަމާ އޮންނަ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޝާހު ދުބާއީ އަށް ދާން ހަމަޖެހިފައިވާއިރު އޭނާގެ ދަތުރުގައި ސަޕޯޓަރުންނާ ބައްދަލު ކުރާނެ އެވެ.

އެކަން އިއުލާން ކުރަމުން ޝާހްރުކް އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ސަޕޯޓަރުންނާއެކު ޖަވާންގެ އުފާ ފާޅު ކުރުމަށް ދުބާއީއަށް ދާން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޖަވާން ސިނަމާ ތަކަށް އަންނަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެޑްވާންސް ބުކިންގެ ގޮތުގައި މިހާތަނަށް އެމެރިކާއިން އެކަނި ވެސް އެ ފިލްމަށް ދެ ކްރޯޑް ރުޕީސް ގެ އާމްދަނީއެއް ޔަގީންވެފައިވެ އެވެ.

ދެކުނު އިންޑިއާގެ ޑައިރެކްޓަރު އަތުލީ ޑައިރެކްޓްކުރާ ޖަވާންގައި ޝާހްރުކް ޚާންގެ ބަތަލާއެއްގެ ގޮތުގައި ވެސް ފެނިގެންދާނީ ދެކުނުގެ އެކްޓްރެސްއެއް ކަމަށްވާ ނަޔަންތްރާ އެވެ.

ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން ނެރެން ހަމަޖެހިފައިވާ ޖަވާންއަކީ ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލާނެ ފިލްމެއް ކަމަށް ބޮލީވުޑްގެ މާހިރުން ލަފާ ކުރެ އެވެ.