ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެ ކާރު ދުއްވި ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ފަތިހު ގާތްގަނޑަކަށް 04:33 ހާއިރު ހުޅުމާލޭ ބަގީޗާ ހިނގުމުގަ އެވެ. މި ހާދިސާގައި "މާލެ ޓެކްސީ" ސެންޓަރަށް ނިސްބަތްވާ ކާރު ކޮންޓްރޯލް ނުވެ ގޮސް އަރާފައިވަނީ މަގުގެ ޕޭވްމަންޓް މަތީގައި ހުރި މަގުބައްތި ދަނޑިއަކަށެވެ. މި ހާދިސާގެ ސަބަބުން ކާރަށާއި ހޮޅިދަނޑިއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ވަގުތު ކާރު ދުއްވަން އިނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި ހާދިސާގައި އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ ޑްރައިވަރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓާފަ އެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، ދާދި ފަހުން ވެސް ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، އެ ސައިކަލު ދުއްވަން އިނީ ވެސް ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
ފްރާންސް މުޒާހަރާ ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވެއްޖެ
ކުރީގެ މެންބަރު ސައުދަށް އެމްޓީސީސީން ބޮޑު މަގާމެއް ދީފި
ސައުދީއަށް ދޭ ހަމަލާތައް ހުއްޓުވަން މިސްރުގެ އެހީ ހޯދަނީ