ކާމިޔާބު ގިނަ ހިންދީ ސީރީޒްތަކެއް އުފައްދާފައިވާ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް މި އަހަރުގެ އިންޓަނޭޝަނަލް އެމީ ޑިރެކްޓޮރޭޓް އެވޯޑް ދޭން ހަމަޖެހިއްޖެ އެވެ.

އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޒަން އާޓްސް އެންޑް ސައިންސްގެ ފަރާތުން އެކްތާއަށް މި އެވޯޑު ދޭން ނިންމާފައި ވަނީ އިންޑިއާގެ ޓީވީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށެވެ.

"އެކްތާއަކީ ޓީވީ މެދުވެރިކޮށް އެކި ކަންކަމުގެ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތްކުރާ ޝަހްސިއްޔަތެއް" އެ އެކަޑަމީގެ ސީއީއޯ ބްރޫސް ޕްރެއިސްނާ ވިދާޅުވެފައިވެ އެވެ.

އެކްތާއަށް މި އެވޯޑް ދޭން ހަމަ ޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20ގައި އެމެރިކާގެ ނިއު ޔޯކް ސިޓީގައި އޮންނަ 51 ވަނަ އިންޓަނޭޝަނަލް އެމީ އެވޯޑްސް ގާލާގަ އެވެ.

އެކަޑަމީގެ އެ ނިންމުމާއެކު އެކްތާ ބުނެފައިވަނީ މި ޝަރަފަކީ އޭނާއަށް ވަރަށް ހާއްސަ ޝަރަފެއް ކަމަށާއި ޓީވީއަކީ މިހާރު އޭނާގެ ދިރިއުޅުމުގެ މުހިއްމު އެއް ހިއްސާ ކަމަށެވެ.

އެކްތާ ކަޕޫރު ޓީވީ ދާއިރާއަށް ވަދެފައިވަނީ 1994 ވަނަ އަހަރު އޭނާގެ މައިންބަފައިންނާއެކު އުފެއްދި ޕްރޮޑަކްޝަން ހައުސް ބަލާޖީ ޓެލެފިލްމްސްގެ ތެރެއިންނެވެ.

އެ ޕްރޮޑަކްޝަންއިން އުފައްދާފައިވާ ކާމިޔާބު ސީރީޒްތަކުގެ ތެރޭގައި ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި "ކިޔުންކީ ސާންސް ބީ ބަހޫތީ"، "ކަހާނީ ގަރް ގަރް ކީ" އާއި "ޔޭ ހޭ މޮހައްބަތޭން" ފަދަ ސީރީޒްތައް ހިމެނެ އެވެ.