ލަންޑަން (20 ޖެނުއަރީ) - ފައިޒާ އަދި ބަޔޯއެންޓެކުން އުފެއްދި ކޮވިޑް ވެކްސިން މިހާރު އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓާ ދެކޮޅަށް ވެސް އެދެވޭ ގޮތެއްގައި މަސައްކަތްކުރާ ކަމަށް ދެ ކުންފުންޏަކުން ކުރިއަށްގެންދިޔަ ތަހްލީލުތަކަކުން ހާމަވެއްޖެ އެވެ.
ބީ 1.1.7 ގެ ނަމުން ނަންދީފައިވާ ކޮވިޑްގެ އައު ވޭރިއަންޓް ފެނިފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުތެރޭގަ އެވެ. އަދި މި ވޭރިއަންޓް ފާހަގަކުރެވިފައި ވަނީ ކުރީގެ ވޭރިއަންޓްތަކާ ހިލާފަށް އަވަހަށް ފެތުރޭ ވައްތަރެއްގެ ގޮތުގަ އެވެ.
އިނގިރޭސިވިލާތުން ފެނުނު މި އައު ވައްތަރާ ގުޅިގެން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސިވިލާތުގައި ވަނީ ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވެފަ އެވެ. އަދި މި ވައްތަރު ފެނިފައިވަނީ އިނގިރޭސިވިލާތުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ވެސް ކުރިއަށްދިޔަ ދުވަސްވަރުކަމަށް ވުމުން ވެކްސިން ވައިރަސްއަށް ނުގުޑާކަމަށް ކުރިން އޮތީ ހީވެފަ އެވެ.
ނަމަވެސް ބަޔޯ ރެކްސިވްއިން ޝާއިއުކުރި ދިރާސާއިން އެނގޭގޮތުގައި ކޮވިޑްގެ އޮރިޖިނަލް ވޭރިއަންޓާ އަލަށް ފެނުނު ބީ 1.1.7 ގެ މާބޮޑު ތަފާތެއް ފެނިފައެއް ނުވެ އެވެ. އަދި ވެކްސިންގެ އަސަރުކުރާ މިންވަރު ވެސް އެއްވެސް ވަރަކަށް ތަފާތުވެފައެއް ނެތެވެ.
ދިރާސާއިން އެނގުނު ގޮތުގައި އަލަށް ފެނުނު ވޭރިއަންޓްގެ ހުރިހާ މިއުޓޭޝަންތަކެއް މި ވެކްސިންއިން ވަނީ ނިއުޓްރަލައިޒް ކޮށްފަ އެވެ. އަދި ކޮވިޑްގެ އައު ވައްތަރުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދާކަމަށް މައުލޫމާތު ލިބޭއިރު މިކަންކަން ރަނގަޅަށް މޮނިޓާ ކުރެވެން ޖެހޭނެ ކަމަށާއި އަދި އެހެން ވެކްސިންތަކުގެ ޓެސްޓްތައް ވެސް އަބަދު ކުރިއަށްގެން ގޮސް ނޫން ގޮތަކަށް މިކަމަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ..
މިއީ މިގޮތަށް ހެދި ފުރަތަމަ ދިރާސާ އެވެ. އެހެން ކުންފުނިތަކުން ވެސް ދަނީ އެ މީހުންގެ އަމިއްލަ ދިރާސާތައް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.